ހުޅުމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ސީނަށް ދިޔަ ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސުމަށް ފަހު ފިލި މައްސަލައިގައި ހޯދަމުންދިޔަ ދެވަނަ މީހާވެސް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ހޮނިހިރު ދުވަހުގެ ރޭ ފަތިހު، ހުޅުމާލޭ ފިލިގަސް މަގުގައި މާރާމާރީއެއް ހިންގާ ކަމަށް ފުލުހުންނަށް ރިޕޯޓް ކުރުމުން އެ ސަރަހައްދަށް ފުލުހުން ދިއުމުން، މާރާމާރީ ހިންގި މީހާ އެ ހިސާބުގައި އޮތް ކާރަކަށް އަރައި ފިލަން އުޅުނު ތަން ފުލުހަކަށް ފެނިގެން އެ ކާރު ހުއްޓުވަން މަސައްކަތް ކުރަން އުޅުމުން ފުލުސް މީހާގެ ގައިގައި ކާރުން ޖައްސައި ކާރުގައި ތިބި މީހުން ފިލާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެކަކު ވަނީ މިދިޔަ ހަފުތާގައި ހައްޔަރުކޮށްފައެވެ. އެ މީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

ފުލުހުންގެ ތަރުޖަމާނު، ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލައިގައި ހޯދަމުން ދިޔަ މީހާ މިއަދު ހަވީރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.