ސޯމާލިޔާ ތިން މީހުންނާއެކު ޑިންގީއެއްގައި ނ. އަތޮޅުގެ ރަށަކަށް ލައްގައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ބުނީ ސޯމާލިޔާ ތިން މީހުން ތިބި ޑިންގީއެއް ލައްގާފައިވަނީ ނ. ވަވަތިއަށް ކަމަށެވެ. ނ. ވަވަތިއަކީ ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައި އޮތް ރަށެކެވެ.

ފުލުހުން ހިއްސާކޮށްފައިވާ ފޮޓޯ އިން ފެންނަނީ އިންޖީނު އަޅާފައި އޮތް ކުޑަ ޑިންގީއެކެވެ.

އެ ޑިންގީން ދަތުރުކުރި މީހުންގެ ހާލާ ގުޅޭ ގޮތުން ފުލުހުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް، އެ ތިން މީހުން އިށީނދެ ތިބި ފޮޓޯއެއް ފުލުހުން ވަނީ ހިއްސާ ކޮށްފައެވެ. އެ ތިން މީހުންގެ ވެސް ހާލަތު ގޯސް ނޫން ކަމަށް ފޮޓޯއިން އެނގެއެވެ.