ހދ. ނޮޅިވަރަމުގައި ސައިކަލާއެކު މޫދަށް ވެއްޓުނު ޒުވާނަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ނޮޅިވަރަމް ބަނދަރުން މީހަކު ސައިކަލާ އެކު މޫދަށް ވެއްޓިގެން އެރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ފުލުހަށް ރިޕޯޓުކޮށްފައި ވަނީ ރޭ 9:15 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މަރުވީ އުމުރުން 32 އަހަރުގެ ޒުވާނެއް ކަމަށެވެ. އޭނާ މަރުވީ އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާދެނިކޮށް ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންނެވެ.