ކުރީގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 10 އަހަރު ޕަބްލިކް ސޭފްޓީ މިނިސްޓަރު ކަމުގެ މަގާމުގައި ދައުލަތަށް ހިދުމަތްކުރައްވައި، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އެނޫން އެތައް ހިދުމަތްތަކެއްވެސް ދިގު މުއްދަތެއްގައި ގައުމަށް ކޮށްދެއްވާފައިވާ، ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

މަރުހޫމް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނުގެ އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާ ކުރައްވާ ކަމަށާއި، ﷲ ގެ ރުއްސެވުމާ ފުއްސެވުމުގައި އެ ކިލެގެފާނުގެ ފުރާނަފުޅު ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތްދެއްވުން އެދި ހެޔޮ ދުއާ ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވީ މިއަދުގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އެމަނިކުފާނު އަވަހާރަވިއިރު އުމުރުފުޅަކީ 87 އަހަރެވެ.

އެމަނިކުފާނު ޕަބްލިކް ސޭފްޓީ މިނިސްޓަރުކަން ކުރެއްވީ 1968 އިން 1978 އަށެވެ.

މީގެ އިތުރުން އެމަނިކުފާނަކީ ދެވަނަ ޖުމްހޫރިއްޔާގެ ދަށުން އެކުލަވައިލި ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.