ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ދިރާގު އީދު ޝޯ އަދި ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ގުރު ނެގުން މިރޭ އޮންނާނެ ކަމަށް ދިރާގުން ބުނެފިއެވެ.

މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ދިރާގުން ބާއްވާ އީދު ޝޯ ކުރިއަށްދާނީ މިރޭ 8:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ހުނަރުވެރި ދިވެހި މިއުޒިކް ފަންނާނުންގެ ލައިން އަޕަކާއެކު ކުރިއަށްދާ އެ ޝޯގައި ޑީޖޭ އަލީ، އީކުއެޓިކް ވައިބް، ސްކައިރޮކް، ރެވިއޯ، ޓްރެފިކް ޖޭމް އަދި ސިމްބޮލިކް ރެކޯޑްސް ހުށަހަޅައިދޭނެ އެވެ.

އެ ޝޯގެ ހޯސްޓިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.

ދިރާގުން ބުނީ، އެ ޝޯގެ ތެރެއިން ގިނަ ބަޔަކު އިންތިޒާ ކުރަމުން އަންނަ ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ގުރުވަތު ނަގައި ނަސީބުވެރިއަކު ހޮވާނެ ކަމަށެވެ. ގުރުވަތު ނެގުން ފަށާނީ މިރޭ 9:00 ޖަހާއިރު ކަމަށާއި ގުރު ނެގުން ޓީވީއެމްއާއި ޗެނަލް 13 އަދި ދިރާގު ފޭސްބުކް އާއި ޔޫޓިއުބުން ލައިވް ކުރާނެ ކަމަށްވެސް ބުންޏެވެ.

މިރޭގެ ޝޯގައި ވިމެން އެންޓަރޕްރެނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއެމް) އަދި މަޝްހޫރު ޝޮޓް ބެވަރޭޖަސް މޯލްޑިވްސްގެ އުފެއްދުންތަކާއެކު ހާއްސަ ފުޑް ސްޓްރީޓެއް ވެސް ކުރިއަށްދާނެއެވެ.