މާތް ﷲ ދެއްވި ގިނަގުނަ ނިއުމަތްތަކުގެ މަތީން އަބަދުމެ ހަނދާންކޮށް، އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
މާދަމާ ފާހަގަކުރަން ފަށާ އަޟްހާ އީދު ދުވަހުގެ ތަހުނިޔާ މެސެޖުގައި ރައީސް ވަނީ، އިސްލާމީ އަހުލާގާއި ދިވެހީންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި، ''ފުރެއްދެ'' ސަގާފަތްތައް އީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށްވެސް އެދިވަޑައިގެންފައެވެ.
"ކީރިތި ﷲގެ ހަޒުރަތުގައި އެންމެ ލޯބިވެތިވެ ވޮޑިގެންވާ އަމަލުތަކުގެ ތެރޭގައި، މާތް ނަބިއްޔާ صلى الله عليه وسلم އިރުޝާދުދެއްވާފައިވާ އެއްކަމަކީ، މުސްލިމް އަހާގެ ހިތަށް އުފާވެރިކަން ލިބޭނެ ހެޔޮ އަމަލެއް ކުރުމެވެ. މެހެމާންދާރީ އަދާކުރުން، ސަދަގާތެއް ނުވަތަ ހަދިޔާއެއް ދިނުން، ހެޔޮ ދުއާއެއް ކޮށްދިނުން، ނުތަނަވަސްކަމެއް ފިލުވައިދިނުން ފަދަ، ﷲގެ ހަޒުރަތުގައި ދަރުމަ ހުރި އަމަލުތަކަށް އަވަސްވެގަތުމެވެ.،" ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.
އެ މަނިކުފާނުގެ މެސެޖުގައި އިތުރަށް ވަނީ އީދަކީ، ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މެހެމާނުން ޒިޔާރަތްކުރުން ގިނަ ދުވަސްވަރަކަށްވާތީ، ކާބަފައި ޒަމާނުއްސުރެ ދަމަހައްޓަމުން އައި ކަމޭހިތުމާއި އިހުތިރާމާއެކު މުއާމަލާތުކުރުމާއި އެއްބަޔަކު އަނެއް ބަޔަކާ ރީތިބަހުން ވާހަކަދައްކައި، ހެޔޮފޯރުވުމުގެ ރީތި އުސޫލުތައް ދިރުވައި އާލާކުރުމަށް، ކޮންމެ ރަށަކާއި ކޮންމެ އާއިލާއަކުންވެސް އިސްކަން ދެއްވުން އެދިވަޑައިގެންފައެވެ.
އަދި އީދުގެ ދިއްލުންތަކާއި އުފާފާޅުކުރުންތަކާއި އެކަކު އަނެކަކާ ސަލާންގަލާންކޮށް، ހާލުބަލައި، ތަކުބީރުތަހުލީލު ކިޔައި، އިޖުތިމާއީ ރޫޙު އާލާކޮށް، ކުޅިވަރުކުޅެ އުޅުމަކީ އިސްލާމް ދީނުގެ ފުރިހަމަކަމާއި ޝާމިލުކަމުގެ ހެކިތަކެއް ކަމަށް ދަރިންނަށް ކިޔައިދެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
"މިފަދަ ކޮންމެ މުނާސަބާއެއްގައި އިސްލާމްދީނާއި ދިވެހިވަންތަކަމަށްޓަކައި ފަހުރުވެރިވާން ދަރީންނަށް އުނގަންނައިދީ، އިސްލާމީ ރިވެތި އާދަތަކަށް ދަރީން ހޭނުވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ،" ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.
ރައީސްގެ މެސެޖުގައި ފަލަސްތީންގެ ރައްޔިތުން އުޅެމުންދާ ދަތި، ނިކަމެތި ހާލުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.
ރައީސް ވިދާޅުވީ، އަޟްހާ އީދުގައި އެ މަނިކުފާނާއި ދިވެހި ކޮންމެ ރައްޔިތަކު އެންމެ އިސްކުރަނީ، މުސްލިމުންގެ މުގައްދަސް މިސްކިތާއި އެތައް ނަބީބޭކަލެއްގެ ލޮބުވެތި ވަޒަންކަމުގައިވި ފަލަސްތީނުގެ އަހުލުވެރީންނަށް ހެޔޮ ދުއާކޮށްދިނުން ކަމަށެވެ. އަދި ރާއްޖެ އިން އަބަދުވެސް ދެމި އޮންނާނީ، ފަލަސްތީނުގެ މުސްލިމުންނަށް ދެމުންގެންދާ ބޮޑެތި އަނިޔާތަކާ ދެކޮޅު ހަދައި، މަސްޖިދުލްއަގްސާ މިނިވަންކުރުމުގެ މަތިވެރި ޖިހާދުގައި ހިތާއި ރޫހުން ބައިވެރިވެ، ސަހަރޯވެރިވުމުގައި ކަމަށް ވިދާޅުވިއެވެ.
"ދިވެހީންގެ ހިތްތަކުގައި ހާއްސަ ލޯތްބަކާ ކުލުނެއް ދެވިފައިވާ ފަލަސްތީނުގެ މުސްލިމު ކޮންމެ އާއިލާއަކާ، ކޮންމެ ކުޑަކުއްޖަކަށްޓަކައި ހެޔޮ ދުއާތައް ތަކުރާރު ނުކޮށް، އެ ހަނދާންތައް އައުނުކޮށް، އެންމެ ރެޔަކާ ދުވާލެއްވެސް އަޅުގަނޑުމެން ދުލެއް ނުކުރާނަމެވެ.،" ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު