މާލެ ސިޓީގެ ހަތަރު ސަރަހައްދެއްގައާއި 25 މިސްކިތެއްގައި އީދު ނަމާދުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ މާފަންނު ސްޓޭޑިއަމްގައި ކަމަށާއި ވިލިމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ އެ އަވަށު ބޯޅަދަނޑުގައި ކަމަށެވެ. ހުޅުމާލޭގެ ދެ ތަނެއްގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެއެވެ. އެއީ ސިންތެޓިކް ޓްރެކާއި ހުޅުމާލެ ފޭސް ދޭއްގެ ކްރިކެޓް ސްޓޭޑިއަމުގައެވެ.

  • މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު)
  • މަސްޖިދުއް މަލިކި ސަލްމާން (ސަލްމާން މިސްކިތް)
  • މަސްޖިދުލް ފުރްގާން
  • މަސްޖިދުއްނޫރު
  • މަސްޖިދުއް ޝަހީދު އަލީ
  • މަސްޖިދުއްސުލްތާން ހަސަން އިއްޒައްދީން (ތައިބާ މިސްކިތް)
  • މަސްޖިދުއްސުލްތާން މުހައްމަދު ފަރީދުލް އައްވަން (ދުބުރި މިސްކިތް)
  • މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
  • މަސްޖިދު ޝަހީދު އަބްދުއްރަހްމާން (ފަނޑިޔާރު މިސްކިތް)
  • މަސްޖިދު ސަލާހުއްދީން
  • މަސްޖިދު ޖަލާލުއްދީން
  • މަސްޖިދު އިބްރާހިމް
  • މަސްޖިދު އިސްކަންދަރު
  • ވަގުތީ މިސްކިތް (ބޮޑުގެ)
  • މަސްޖިދުއްސުލްތާން މުހައްމަދު އިމާމުއްދީން (ރަން މިސްކިތް)
  • މަސްޖިދުއްޝައިހް މުހައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
  • މަސްޖިދުއް ސަލާމް
  • މަސްޖިދު ރަޝީދު
  • މަސްޖިދުއް ޝައިހް ގާސިމް ބިން މުހައްމަދު އަލްސާނީ (ވައްގުއްބު މިސްކިތް)
  • މަސްޖިދު އަޒީޒާ މޫސާ
  • މަސްޖިދު އުސްމާން ބިން އައްފާން
  • މަސްޖިދު ހަސަން އާދަމް
  • މަސްޖިދު އަމީލް ޖަލީލު

މިނިސްޓްރީން ބުނީ، މޫސުން ގޯސްވެ، ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރެވޭ ގޮތް ވެއްޖެ ނަމަ އީދު ނަމާދުކުރުން އޮންނާނީ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ކަމަށެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާ މައިދާންތަކާއި މިސްކިތްތައް ހުންނާނީ އަންހެނުންނަށް ވެސް އީދު ނަމާދުކުރެވޭނެ ޖާގަ ހަމަޖައްސާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

އީދު ނަމާދު ފަށާ ގަޑިއަކީ ހެނދުނު 7:00 ގައެވެ. ކުރިން އީދު ނަމާދު ފަށަނީ 7:30 ގައެވެ. މިއަހަރުގެ އަލްހާ އީދު ދުވަހަށް ވަނީ އަންނަ އާދިއްތަ ދުވަހެވެ.