ސްޓެލްކޯއިން ކ. ދިއްފުށީގައި 1000 ގަސް އިންދައިފިއެވެ.

ދިއްފުށި އާ އިންޖީނުގޭގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު އިއްޔެ ވަނީ ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމް ފައްޓަވައިދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ.

އެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން ވަނީ އެ ރަށުގައި 1000 ގަސް އިންދައިފައެވެ. އެއީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް އަމާޒުކޮށް މި އަހަރުގެ ދުނިޔޭގެ ތިމާވެށިގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވި ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުންނެވެ.

ސްޓެލްކޯގެ ބެލެނިވެރިކަމުގެ ދަށުގައިވާ 30 ރަށެއްގައާއި މާލެ ސަރަހައްދުގައި ސްޓެލްކޯގެ ފަރާތުން ގަސް އިންދުމުގެ ޕްރޮގްރާމުތައް ވަނީ ފަށައިފައެވެ. އެ ޕްރޮގްރާމަކީ ކުރިޔަށް އޮތް ފަސް އަހަރު މަދުވެގެން 500،000 ގަސް އިންދުމުގެ މަޝްރޫއުއެކެވެ.