އިންޑިއާ އަށް ދަތުރުކުރި އޮސްޓްރޭލިއާގެ ކުޑަކުއްޖަކު ދޫނި ރޯގާއަށް ޕޮޒިޓިވްވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން ވަނީ އޮސްޓްރޭލިއާއަށް ނިސްބަތްވާ އުމުރުން ދެ އަހަރާއި ބައިގެ އެކުއްޖާ އަށް ދޫނިރޯގާ އެވް5އެން1 އަށް ޕޮޖިޓިވްވެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ބުނެފައެވެ.

މިއީ އޮސްޓްރޭލިއާއިން އިންސާނެއްގެ ހަށިގަނޑުން ދޫނިރޯގާ ފެނުނު ފުރަތަމަ ފަހަރު ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ އެކުއްޖާ އަށް ބަލި ޖެހިފައިވަނީ ކޮންތާކުން ކަމެއް ޔަގީން ނުވި ނަމަވެސް ދާދި ފަހުން އިންޑިއާއަށް އެކުއްޖާ ދަތުރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން ވަނީ މީގެ ކުރިން އިންޑިއާއިން އިންސާނުންގެ އިތުރުން ޖަނަވާރުންގެ ގައިން އެބަލި ފެނިފައިވާ ކަމަށް ބުނެފައެވެ.

އޮސްޓްރޭލިއާގެ ނޫސްތަކުން ވަނީ އެކުއްޖާ އިންޑިއާގެ ކޮލްކަޓާ އަށް ދަތުރުކޮށްފައިވަނީ އާއިލާއާ އެކު ފެބްރުއަރީ 12 އިން 29 އަށް ކަމަށް ރިޕޯޓްކޮށްފައެވެ. އަދި މާޗް މަހުގެ އެއްވަނަ ދުވަހު އެކުއްޖާ އޮސްޓްރޭލިއާ އަށް އެތެރެވެފައިވާ ކަމަށާއި ޖެހިގެން އައި ދުވަހު އެކުއްޖާ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރި ކަމަށް ރިޕޯޓުކޮށްފައެވެ.