އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަށް ވަޑައިގަތުމަށް މޯދީ ދެއްވި ދައުވަތު ގަބޫލު ކުރައްވައި، އިންޑިއާއަށް ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ފުރާވަޑައިގަންނަވާނީ މިއަދުގެ ވަގުތެއްގައެވެ. ރައީސްއާ އެކު ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ޑރ. މުހައްމަދު ޝަފީގުގެ އިތުރުން ސަރުކާރުގެ އެހެން ބައެއް އިސްބޭފުޅުން ވެސް ވަޑައިގަންނަވާނެއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް ޑރ. މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ދެއްވި ދައުވަތު ގަބޫލުކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހަޔާ ކޮމިޝަނާ މުނު މަހާވާރު، މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގެ ތެރެއިން ރައީސަށް ދައުވަތު ދެއްވައި ފޮނުއްވި ސިޓީފުޅު އެރުވުމުން ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވުމަށް މޯދީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ދައުވަތު ދެއްވި ކަމަށްޓަކައި މޯދީއަށް ޝުކުރު އަދާކުރައްވާ ރައީސް ވިދާޅުވީ އެ ތާރީހީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޝަރަފެއް ކަމަށެވެ. އަދި އިންޑިއާއާ އެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޮޑުވަޒީރާ އެކު މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިވެ، ދެ ގައުމުގެ ގުޅުން ކުރިއަށްދަނީ ރަނގަޅު މިސްރާބަށްކަން މި ދަތުރުފުޅުން ރަމްޒުކޮށްދޭ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ ސިޓީފުޅު އެމަނިކުފާނަށް ރައްދުކޮށްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާ ސަފީރަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މިއީ ރައީސް މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާއެވެ.