ޖޫން މަހުގެ 20 ވަނަ ދުވަހަކީ ސަރުކާރުގެ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައި އަލްހާ އީދު ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ މިމަހުގެ މަހުގެ 20 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވީ މި އަހަރުގެ ޒުލްހިއްޖާމަހުގެ ހަނދު ސާބިތުކުރުމުގެ އުސޫލަށް ރިއާޔަތްކުރައްވައި ޒުލްހިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ މިއަދު ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅުމާ ގުޅިގެން ކަމަށެވެ. އިސްލާމިކް މިނިސްޓްރީން އެގޮތަށް ކަނޑައެޅުމުގެ ސަބަބުން ކުރިން ކަލަންޑަރުގައި ދުވަސްތައް ކަނޑައަޅާފައިވާ ގޮތަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން މިހާރު އަރަފާތު ދުވަހަކީ މިމަހުގެ 15 ވަނަ ދުވަސް ކަމަށާއި އަލްހާ އީދު ދުވަހަކީ، މިމަހުގެ 16 ވަނަ ދުވަސް ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި އަހަރުގެ ހައްޖު ދުވަހާއި، އަލްހާ އީދު ދުވަހުގެ އިތުރުން ސަރުކާރު ބަންދުވާނީ، އަލްހާ އީދުގެ މުނާސަބަތުގައި ބަންދުވާ މި ޖޫން މަހުގެ 17، 18، 19، މި ތިން ދުވަސް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކުރިން ހަމަޖެހިފައިވާ ގޮތުން، މިމަހުގެ 20 ވަނަ ދުވަހަކީ ދުވަހަކީ، ބަންދު ދުވަހެއް ކަމުގައި ބަލައިގެން، ގިނަ އަދަދެއްގެ ސަރުކާރު މުވައްޒަފުން، އީދު ބަންދުގައި ރާއްޖެއިން ބޭރަށާއި، ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުތައް ހަމަޖައްސާނެތީއާ އަދި އީދު ބަންދަށްފަހު، މިމަހުގެ 20 ވަނަ ދުވަހަކީ ސަރުކާރުގެ އޮފީސްތައް ހުޅުވާ ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ، ގިނަ މުވައްޒަފުންނަށް ދަތިވާނެ ކަމަށް ފެނިވަޑައިގަންނަވާތީ، މިމަހުގެ 20 ވަނަ ދުވަސް ބަންދުކުރަން ރައީސް ނިންމެވީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އީދުގެ ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، ޖޫން 23 ވާ އާދީއްތަ ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު