ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ އިތުރުން، ޕާލަމެންޓަރީ ގްރޫޕުތަކަށް މުވައްޒަފުން ހަމަޖެއްސުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފިއެވެ.

އެ ފަރާތްތަކަށް މުވައްޒަފުން ހަމަޖެއްސުމަށް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުން ނިންމި އުސޫލުގައިވާ ގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ މަސައްކަތްތަކަށް، އެއިން ކޮންމެ ލީޑަރަކަށް ދެ މުވައްޒަފުން ލިބިވަޑައިގަންނަވާނެއެވެ.

އެއިން ކޮންމެ މުވައްޒަފެއްގެ މުސާރައަކީ 20،000 ރުފިޔާއެވެ. ނަމަވެސް 30،000 ރުފިޔާގެ މުސާރައަކަށް އެންމު މުވައްޒަފަކު ކަނޑައެޅުމުގެ އިހުތިޔާރު އެ އުސޫލުގައި ކޮންމެ ލީޑަރަކަށްވެސް ދީފައިވެއެވެ.

ޕާލަމެންޓް ގްރޫޕުތަކަށް މުވައްޒަފުން ހަމަޖައްސާނެ އުސޫލުވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، 10 މެންބަރުންނަށްވުރެ މަދުން މެންބަރުން ހިމެނޭ ޕާލަމެންޓްރީ ގްރޫޕަކަށް މުވައްޒަފެއް، 11 މެންބަރުންނާއި 20 މެންބަރުންނާ ދެމެދުގެ އަދަދަކަށް މެންބަރުން ހިމެނޭ ޕާލަމެންޓްރީ ގްރޫޕަކަށް ދެ މުވައްޒަފުން، 21 އާއި 30 މެންބަރުންނާ ދެމެދުގެ މެންބަރުން ހިމެނޭ ގްރޫޕަކަށް ތިން މުވައްޒަފުން އަދި 30 މެންބަރުންނަށްވުރެ ގިނަ ޕާލަމެންޓްރީ ގްރޫޕަކަށް ހަތަރު މުވައްޒަފުންނެވެ.

އުސޫލުގައި ބުނެފައިވަނީ މަޖިލީހުގައި މަސައްކަތްކުރި ނަމަވެސް މި މުވައްޒަފުންނަކީ މަޖިލީހުގެ މުވައްޒަފުން ނޫން ކަމަށެވެ. ނަމަވެސް އެ މުވައްޒަފުންނަށް މުސާރަ ޖަމާކުރާނީ މަޖިލީހުންނެވެ. ނަމަވެސް މުސާރަ ނޫން ފައިސާގެ އެހެން އިނާޔަތެއް މަޖިލީހުން ދީގެންނުވާނެ ކަަމަށްވެސް ބުނެފައިވެއެވެ.

އެ މުވައްޒަފުންނަށް ވަޒީފާދީ އަދި ވަޒީފާއިން ވަކިކުރާނީ އެ ޕީޖީ ގްރޫޕަކުންނެވެ. އަދި އެ ޕީޖީ ގްރޫޕެއްގެ މުވައްޒަފުން ވަޒިފާ އަދާކުރުމާ ގުޅޭ އެންމެހާ ކަންކަން ހަމަޖައްސާނީވެސް އެ ޕީޖީ ގްރޫޕަކުންނެވެ. ވަޒީފާގެ އެއްބަސްވުން ހަދާނީވެސް ޕީޖީ ގްރޫޕާއެކުގައި ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.