ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1،765،704،400 (1.7 ބިލިއަން) ރުފިޔާ ދައުލަތަށް ލިބިފައިނުވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން މިރޭ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ "ވަޒީފާއާބެހޭ ގާނޫނު"ގެ ދަށުން ހަދައިފައިވާ "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދު" ގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކާއި ގަވާއިދުގެ ދަށުން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް، 10،619 ވަޒީފާދޭ ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކޮށްފައިވާ 102،807 ބިދޭސީ މަސައްކަތްތެރިންގެ ފީ ލިބިފައިނުވާ ކަމަށެވެ.

"ވަޒީފާދޭ ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކުރެވިފައިވާ 102،807 (އެއްލައްކަ ދެހާސް އަށްސަތޭކަ ހަތެއް) ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ކަމަށް ބެލެވޭ 1،765،704،400ރ (އެއް ބިލިއަން ހަތްސަތޭކަ ފަސްދޮޅަސް ފަސް މިލިއަން ހަތްލައްކަ ހަތަރުހާސް ހަތަރުސަތޭކަ) ރުފިޔާ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރިކަން މި މިނިސްޓްރީއަށް ފާހަގަކުރެވިފައިވޭ..،" ހޯމް މިނިސްޓްރީން ބުންޏެވެ.

އެ ފައިސާ މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ދައްކައި ހަލާސް ކުރުމަށް އަންގާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. އެ މުއްދަތުގެ ނިޔަލަށް ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތައް އާންމުކޮށް އިއުލާނު ކުރާނެ ކަމަށެވެ.

އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑްކޮށް އާ ހުއްދަތައް ދޫކުރުން މެދުކަނޑާލާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.