މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ މެންބަރެއްގެ ގޮތުގައި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ގާނޫނުއަސާސީ އާއި ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުގެމަތިން، އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ކަނޑައެޅުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުވައިލި ފުރުސަތުގައި އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ރިޒާގެ ނަން މަޖިލިހަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކުއެވެ.

ތާއީދު ކުރެއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ރިފާއުއެވެ.

އެނަމަށް މަޖިލިސް ޖަލްސާގައި ވޯޓަށް އެއްސެވުމުން، އެވަގުތު ޖަލްސާގައި ތިއްބެވި 89 މެންބަރުންގެ ތެރެއިން 83 މެންބަރުން ވަނީ ރިޒާ އެމަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވިއެވެ. އެކަމަށް ވޭނުން ވަނީ މަޖިލީހުގެ 42 މެންބަރުންގެ ވޯޓެވެ.

ހުސައިން ރިޒާ އަކީ ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި ގުރައިދޫ ދާއިރާ ތަމްސީލް ކުރެއްވި އިބްރާހިމް ރިޒާގެ ކޮއްކޮއެވެ. އޭނާއަކީ ގާނޫނީ ދާއިރާއިން ތައުލީމު ހާސިލް ކުރައްވައި ޝަރީއާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ކުރިމިނަލް ކޯޓުގެ ރެޖިސްޓްރާގެ މަގާމު ވެސް ފުރުއްވައިފައެވެ.

ދިހަ މެންބަރުން ހިމެނޭ ޖޭއެސްސީގައި މިހާރު ތިއްބެވީ ކޮމިޝަންގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު މުހައްމަދު ނިޔާޒާއި އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު ހުސްނުއްސުއޫދާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު އަލީ ޝަރީފާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި މެންބަރު ޑޮކްޓަރު އާމިނަތު އުއްމުކުލްސުމްއެވެ.

އޭގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާޒިހު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މުހައްމަދު ސަމީރު އާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކޮށްފައިވާ މެންބަރެއްގެ ގޮތުގައި އަލީ އަބްދުއްލަތީފް ވެސް ޖޭއެސްސީގަައި ހިމެނިވަޑައިގަންނަވައެވެ.

އެ ކޮމިޝަންގައި ދެން މެންބަރު ތިއްބަވާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން އައްޔަންކުރާ މެންބަރަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއެވެ.

އެގޮތުގެ މަތިން މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރެއްގެ ގޮތުގައި ރިޒާގެ ނަން މިއަދު ފާސްކުރި އިރު، ދެން ހިމެނިވަޑައިގަންނަވާނީ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ އެވެ.

އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީ އަށް ކަނޑައަޅާފައި ހުންނެވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނެވެ. އެއީ ޖޭއެސްސީގެ ރައީސްއެވެ. ނަމަވެސް 19 ވަނަ މަޖިލީހުގެ ދައިރު ނިމުމުން ހިސާންގެ މެންބަރު ކަމުގެ މުއްދަތު ވަނީ ހަމަވެފައެވެ.