ށ. ބިލެއްފަހި ބަނދަރު ކައިރިން މުދާ އުފުލާ ބޯޓެއް އަޑިޔަށް ގޮސް، 50 ޕަސަންޓު މުދަލަށް ގެއްލުންވެއްޖެއެވެ.
ބިލެއްފަހި ބަނދަރު ކައިރިން މުދަލާ އެކު އަޑިޔަށް ދިޔައީ ށ. ކަނޑެތީމު "އުޅިއަށި" ބޯޓެވެ.
އެ ބޯޓުގެ ކޭޝިއަރު އަހްމަދު އަގިލް މިއަދު "ވަން" އަށް ބުނީ އެ ބޯޓު އަޑިއަށް ދިޔައީ، ބިލެއްފަހި ނެރުކައިރިން ބަނދަރަށް ވަންނަން އުޅެނިކޮށް، އޮއިވަރަށް ކަހަލައިގެން ކަނޑިންމާގައި ޖެހިގެން ކަމަށެވެ. އެވަަގުތު ބޯޓުގައި ހުރި މުދަލުގެ 50 ޕަސަންޓު މުދާ ރަށު ރައްޔިތުންގެ އެހީއާ އެކު ބިލެއްފަހި ބަނދަރަށް ބާލާފައިވާ ކަމަށާއި ނަމަވެސް އެ ތަކެއްޗަށް ލޮނުގެ އަސަރުކޮށްފައި ހުރި ކަމަށެވެ.
ލިބުނު ގެއްލުމުގެ ސީދާ އަދަދު ބުނަން އެނގޭނީ ބޯޓުގައި ހުރި ހަތަރު ރަށުގެ މުދަލުގެ ހިސާބު ބެލުމަށް ފަހުގައި ކަމަށް އަހުމަދު ވިދާޅުވިއެވެ.
"ބޯޓު އަޑިޔަށް ދިޔައީ މުދަލާއެކު ބިލެއްފަހި ނެރުކައިރިން ބަނދަރަށް ވަންނަން އުޅެނިކޮށް. ބޯޓުގެ ނެރުން އައި ވަގުތު އޮއިވަރަށް ކަހަލައިގެން ކަނޑިންމާގައި ޖެހިގެން. މިތަނަކީ ވަރަށް އުނދަގޫތަނެއް ވަންނަން. ވަރަށް ބާރަށް ވަންނަން ޖެހޭނީ. ވަރަށް އުނގަދޫ ބަނދަރެއް. އެ ބޯޓުގައި ފޭދޫ، ބިލެއްފަހި، ގޮއިދޫ އަދި ކަނޑިތީމު މުދާ ހުންނާނެ،" ބޯޓުގެ އަހުމަދު ބުންޏެވެ.
ބޯޓު ނެރުގައި ޖެހުމާއެކު އެރަށު ބަނދަރަށް ވަދެފައިވާ ކަމަށާއި ބޯޓު އަޑިޔަށް ދިޔައީ މުދާ ބަރުވެގެން ނޫން ކަމަށްވެސް އަހުމަދު ބުންޏެވެ.
އެ ރަށު ކައުންސިލު ރައީސް އަބްދުﷲ ޒިޔާދު "ވަން" އަށް މިއަދު ވިދާޅުވީ ބޯޓު ފުންކުރުމުގެ މަސައްކަތް ސްކޫލު ކުދިން ހިމެނޭހެން ރަށުގެ ކުދިބޮޑު އެންމެން ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު