ރާއްޖޭގެ ނޫ އިގުތިސޯދަށް އެހީތެރިވުމުގެ ގޮތުން ޔޫރޮޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް 6.5 މިލިއަން ޔޫރޯ (109 މިލިއަން ރުފިޔާ) ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
"އިމްޕްރޫވްޑް ބަޔޯޑައިވާސިޓީ މެނޭޖްމަންޓް ޓު ސަޕޯޓް އަ ބްލޫ އިކޮނޮމީ އިން ދަ މޯލްޑިވްސް (އެމްއައިޕީ)" ގެ ނަމުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެ ފޮރިން މިނިސްޓްރީގައި ބޭއްވި ފަސް ވަނަ އިޔޫގެ އިސް އޮފިޝަލުންގެ ބައްދަލުވުމުގައެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ، ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޕައޯލާ ޕަމްޕަލޯނީ އާ ބައްދަލުކުރުވައިފައި ކަމަށެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަ ޕަމަޕަލޯނީ ވަނީ ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ ތެރެއިން އައިސްފައިވާ މުހިންމު ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އަދި ފާއިތުވި އަހަރުތަކުގައި އީޔޫއާ ގުޅިގެން ސީދާ ނަތީޖާއެއްގެ ގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ރެޒިލިއަންސް އާއި ޝަރުއީ ދާއިރާ އިސްލާހު ކުރުމާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ދެ ބޭފުޅުން ފާހަގަކުރެއްވި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި، ރާއްޖޭގެ އިގުތިސޯދަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ފުޅާ ދާއިރާއެއްގައި އީޔޫއިން ވަމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި މިނިސްޓަރު ޒަމީރު ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.
މީގެ އިތުރުން ޝެންގެން ވިސާ ފަސޭހައިން ލިބޭނެ ގޮތް ހެދުމާ ގުޅޭ ގޮތުންވެސް މިނިސްޓަރު ޒަމީރު ވަނީ މަޝްވަރާކުރައްވައިފައެވެ.
މިނިސްޓަރު ޒަމީރުގެ އަރިހުގައި އެ ބައްދަލުކުރެއްވުމުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދާއި ސީނިއާ އަންޑަ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަހުމަދު ހާނީ ނައީމްގެ އިތުރުން ޗީފް ޑެސްކް އޮފިސަރު އާމިނަތު ޝައިސްތާ ހަމްދާން ޒަކީ ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު