މީގެ 15 އަހަރު ކުރީން، 2009 ވަނަ އަހަރު ފެށި "ޕްރިންޓްލެބް" އަކީ މިހާރު އެންމެންގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ. އާދައިގެ ޕްރިންޓް ކުރުމުން ފެށިގެން ލޭޒާ ޕްރިންޓިން، ކެންވަސް އަދި ބެކްޑްރޮޕް ޕްރިންޓިން، ވުޑް އަދި މެޑަލް ޕްރިންޓިން، ދިދަ އާއި ފެބްރިކް ޕްރިންޓިންގެ އިތުރުން އެވޯޑާއި ޕްލޭގް އަދި ސްޓޭމްޕް ހެދުމަކީ ވެސް ޕްރިންޓްލެބުން މިއަދު ލިބެން ހުންނަ ހިދުމަތްތަކެކެވެ.
ޕްރިންޓްލެބް އުފެދުނުތާ 15 އަހަރު ފުރި 16 އަހަރާ ކުރިމަތިލާ އިރު، އެ ކުންފުނި މިހާރު ގުނާލެވެނީ މި ދާއިރާއިން ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ގޮތުގައެވެ. އެ ކުންފުނި ފުރަތަމަ އުފެދިގެންދިޔައީ އެއް މެޝިނާއި ތިން މުވައްޒަފުންނާއެކުއެވެ. ނަމަވެސް މިއަދު 70 އަށްވުރެ ގިނަ މުވައްޒަފުންނާއެކު ފެކްޓަރީގައި 25 މެޝިން އެބަހުއްޓެވެ.
ޕްރިންޓްލެބްގެ ހިދުމަތްތައް 2009 ވަނަ އަހަރު ފުރަތަމަ ފެށިގެން ދިޔައީ، މިހާރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަގާމުގައި ހުންނެވި މަދީހު ޖަމާލުގެ އިސްނެންގެވުމުގެ މަތީންނެވެ. އޭރު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިއަދު މެޝިނަރީތަކާއި ވަސީލަތްތަކާއި ހިޔާލުތަކާއެކު މުވައްޒަފުންގެ މަސައްކަތުން ކާމިޔާބު ކުންފުންޏަކަށް ހެދިފައިވާ ކަމަށް މަދީހު ގަބޫލުކުރައްވައެވެ.
"އޭރު 2009 ގައި ފެށިއިރު، މިކަހަލަ ބައެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ. މިކަހަލަ ކަންތައްތަކަކީ ކޮމިއުނިޓީއަށް ހާއްސަ ކަމެއް. ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކާއި އެސްއޯއީތަކުން، އޭރު ރާއްޖެއިން ބޭރުން މި ކަންތައްތައް ކޮށްގެން ގެންނަނީ. އެހެންވީމާ އަޅުގަނޑު ބޭނުންވީ މިއީ ރާއްޖޭގައި ކުރެވިދާނެ ކަމެއްކަން ދައްކަން، އަގުވެސް ހެޔޮކޮށް ކުރެވިދާނެ ކަމެއްކަން ދައްކުވައިދޭން. އެ ދުވަހު އަޅުގަނޑުމެން ފެށީ އެއް މެޝިނުން، މިއަދު އަޅުގަނޑުމެން ގާތްގަނޑަކަށް 25 މެޝިން ބޭނުންކޮށްގެން، އެކި ވައްތަރުގެ މެޝިންތައް، ކުދިކުދި މެޝިންތަކެއް ނޫން، ގާތްގަނޑަކަށް 8000 އަކަފޫޓުގެ ބިމެއްގައި މާލޭގައި ފެކްޓަރީ މި ހިންގަނީ،" ޕްރިންޓްލެބްގެ ފެށުމާ ގުޅޭގޮތުން "ވަން"އަށް މައުލޫމާތުދެއްވަމުން މަދީހު ވިދާޅުވިއެވެ.
މަދީހު ވިދާޅުވިގޮތުގައި ޕްރިންޓްލެބް އުފެއްދުމުގެ ކުރިން އޭރު ތަނަކަށް ޕްރިންޓްކުރަން ދީފިއްޔާ ހަތަރު ދުވަސް ނަގައެވެ. ގިނަ ފަހަރު އޭރު އެ ތަންތަނުން ކަންކުރާ ގޮތަކީ އޯޑަރު ނަގާފައި ރާއްޖެއިން ބޭރުން ޕްރިންޓްކޮށްގެން ޑެލިވަރީ ކުރުމެވެ. ބައެއް ފަހަރު މެޝިން ހަލާކުވެގެން، އާންމުން ގިނަ ދަތިތަކާ ވެސް ކުރިމަތިލާން ޖެހެއެވެ.
"އެހެންވީމާ އޭރު ރިލަޔަބަލްއެއް ނުވެވޭ. ދެން އަޅުގަނޑު ހިތަށް އެރީ ކީއްވެގެންހޭ އަޅުގަނޑަށް މިކަންތައް ނުކުރެވެންވީ. މިކަހަލަ ވަރަށް ބޮޑެތި މެޝިނަރީތައް، ބައިވަރު ޓެކްނިކަލް އެކްސްޕަޓީސް ބޭނުންވާ ކަންތައްތައް މިއީ، އެހެންވީމާ އެކަމަކީ ފަށައިގަންނަން ޗެލެންޖަކަށް ވެސް ވި. އެކަމަށް ބޭނުންވާ މީހުން ފެކްޓަރީއަށް ފޮނުވައި، ޓްރެއިންކޮށް ފަށައިގެން އައިސް، އެއީ އަޅުގަނޑުމެން މި ހިސާބަށް ދިޔަ ސަބަބަކީ،" އޭނާ ވިދާޅުވިއެވެ.
ޕްރިންޓްލެބް ފެށިގެން މިއަދާ ހަމައަށް ވެސް އެ ކުންފުނީގެ އަމާޒަކީ ފޯރުކޮށްދޭ ހިދުމަތްތައް ކަސްޓަމަރުން ބޭނުންވާ ގަޑިއަކަށް، ބޭނުންވާ ވަގުތަކަށް، ބޭނުންވާ އަގެއްގައި އަދި ބޭނުންވާ ފެންވަރެއްގައި ފޯރުކޮށްދިނުމެވެ. ޕްރިންޓްލެބްގެ އެންމެ ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ދެކެނީ މިވީ 15 އަހަރުގެ ތެރޭގައި ޕްރިންޓްލެބްގެ އެއްވެސް ހިދުމަތަކަށް ކަސްޓަމަރުންގެ ޝަކުވާއެއް ނެތުމެވެ.
"ރޭގަނޑު ވިޔަސް، ދަންވަރު ވިޔަސް، ހެނދުނު ވިޔަސް އަދި ބަންދު ދުވަހެއް ކަމަށްވިޔަސް އަޅުގަނޑުމެން ކޯޕަރޭޓް ކްލަޔަންޓުންނަށް ބޭނުންވާ ހުރިހާ ކަމެއް ފޯރުކޮށްދެން. ދެން އަޅުގަނޑުމެންގެ މިއަދުގެ ކެޕޭސިޓީއަކީ އޯވާ 70،000 ސްކެއާ ފީޓް އެންމެ ދުވަހަކުން ޕްރިންޓް ކޮށްދެވޭނެ،" އޭނާ ވިދާޅުވިއެވެ.
ޕްރިންޓްލެބްގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރަނީ ތަމްރީނުދެވި، މަސައްކަތަށް ގާބިލު މުވައްޒަފުންނެވެ. ފެކްޓަރީން ތަމްރީނުތައް ހިންގާ އިރު، މެޝިނަރީތައް ގެންނަ ގައުމުތަކުގެ ތަޖުރިބާކާރުންގެ ޓީމުތައް ގެނެސްގެން ވެސް ތަމްރީނުތައް ދެވެއެވެ. ޕްރިންޓްލެބަށް މެޝިންތައް ގެންނަ ބައެއް ގައުމުތަކަކީ އެމެރިކާ، އޮސްޓްރިއާ، ޗައިނާ، ތައިލެންޑް، ވިއެޓްނާމް، ސިންގަޕޫރު، ޓައިވާން އަދި ޖަރުމަނުންނެވެ.
މިއަދު ކިތަންމެ ބޮޑު ކުންފުންޏަކަށް ވިޔަސް، ޕްރިންޓްލެބްގެ ތަފާތަކީ ކިތަންމެ ކުޑަ ކަސްޓަމަރެއް ވިޔަސް، ބޮޑު ކަސްޓަމަރެއް ވިޔަސް، ކުޑަ މަސައްކަތެއް އަދި ބޮޑު މަސައްކަތެއް ވިޔަސް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން، އެ ދުވަހުން އެ ދުވަހަށް އެމީހުން ބޭނުންވާ ގޮތަކަށް އެ މަސައްކަތް ނިންމައިދިނުމެވެ. އަދި ވަކި ސަރަހައްދެއްގައި ހުރި ރަށެއް، ވަކި އާބާދީއަކަށް ބެލުމެއް ނެތި އެ މަސައްކަތެއް ކޮށްދިނުމަށްފަހު ޕްރިންޓްލެބުން އެ ރަށަކަށް ފޮނުވައިދެއެވެ.
މި އިންޑަސްޓްރީގެ އެންމެ ބޮޑު ފެކްޓަރީ ވެސް ރާއްޖޭގައި ހިންގާ ޕްރިންޓްލެބްގެ ހިދުމަތްތަކާއި ޕްރޮޑަކްޓާއި ކޮލިޓީ އަދި ޑެލިވަރީއަކީ ކުންފުނީގެ އެންމެ ބޮޑު ތަފާތެވެ. މިއަދު ކިތަންމެ ކުޑަ އިވެންޓަކުން ފެށިގެން ބޮޑު އިވެންޓަކުން ވެސް ޕްރިންޓްލެބްގެ ތަފާތު ފެންނާނެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި