މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާއްސަ އާންމު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
އެމްޓީސީސީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި މަހުގެ 11 ވަނަ ދުވަހުގެ ހަވީރު ބާއްވާ ހާއްސަ އާންމު ޖަލްސާގައި ކުންފުނީގެ އަސާސީ އަދި ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރަން ހުށަހެޅުމުގެ އިތުރުން 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު ފަސް ރުފިޔާގެ ހިއްސާއަކަށް ހަތަރު ރުފިޔާ ބަހަން އަލުން ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ނިންމީ ކުންފުނީގެ މިހާރުގެ މެނޭޖުމަންޓުން 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާއާ ގުޅޭ ގޮތުން މަޝްވަރާކޮށް، ޑިރެކްޓަރުންގެ ބޯޑުން އެގޮތަށް ނިންމުމުން ކަމަށްވެސް ބުންޏެވެ.
މިދިޔަ އަހަރު ބޭއްވި، 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް ހަތަރު ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް، އެ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅިއެވެ. ނަމަވެސް ހިއްސާދާރުންގެ ވޯޓުން ވަނީ އެ އައިޓަމް ފާސްނުވާ ކަމަށް ކަނޑައަޅައިފައެވެ.
އެމްޓީސީސީން ބުނީ، ހާއްސަ އާންމު ޖަލްސާ ބާއްވާނީ ޖޫން 11 ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ ވެބް އެޕްލިކޭޝަން ފަހިވޯޓް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.
އެ ޖަލްސާގައި ބައިވެރިވެވޭނީ 12 މެއި 2024 ވަނަ ދުވަހު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތަށް 23 މެއި 2024ގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށްވެސް ބުންޏެވެ.
އެހެންކަމުން ހާއްސަ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން އަންނަ ހަފުތާގެ އާދީއްތަ ދުވަހުގެ ހަވީރު ހަތަރެއްގެ ކުރިން ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށްވެސް ބުންޏެވެ.
ރަޖިސްޓްރީ ކުރުމަށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯޓަލް، infinity.mv، އެމްޓީސީސީގެ ޝެއާހޯލްޑާސް އޮންލައިން ޕޯޓަލް، sop.mtcc.com.mv ،[email protected] އީމެއިލް މެދުވެރިކޮށް ނުވަތަ އެމްޓީސީސީ ހެޑްއޮފީހުގެ ކައުންޓަރަށް ކުންފުނީގެ ރަސްމީ މަސައްކަތު ވަގުތުގައި ހުށަހެޅޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު