މިދިޔަ އަހަރު ސަރުކާރުގެ އެންމެ ދެ ފުށް ފެންނަ ކުންފުންޏަކީ އެސްޓީއޯކަން، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ސަރުކާރު ހިއްސާވާ 32 ކުންފުންޏެއްގެ މައުލޫމާތު ހިމަނައި، މިދިޔަ އަންގާރަ ދުވަހު ނެރުނު "ކޯޕަރޭޓް ގަވަނެންސް ޓްރާންސްޕޭރެންސީ އިންޑެކްސް (ސީޖީޓީއައި)" ރިޕޯޓުގައި މައިގަނޑު ހަ ކެޓަގަރީއެއްގެ ދަށުން، 38 މިންގަނޑުތަކުން ކުންފުނިތަކުގެ ދެ ފުށް ފެންނަ މިންވަރު ބަލާފައިވެއެވެ.

  • ކުންފުނީގެ މިލްކުވެރިކަމުގެ ސިޔާސަތާއި މަގުސަދުތައް
  • އޯގަނައިޒޭޝަން، އޮޕަރޭޝަންތައް އަދި ޕާފޮމެންސް
  • ޕްރައިވެޓް ސެކްޓާއާ ދެމެދު ކުރާ މުއާމަލާތްތައް
  • ސީއެސްއާރު، އިންޓާނަލް ކޮންޓްރޯލް އަދި ކޯޕަރޭޓް އިންޓެގްރިޓީ
  • ޑިރެކްޓަރުންގެ ބޯޑު
  • ދައުލަތާ ދެމެދު ކުރާ މުއާމަލާތްތައް

ސީޖީޓީ އައި ރިޕޯޓުން ދައްކާ ގޮތުގައި އެ ހަ ކެޓަގަރީތަކުގެ ތެރެއިން ތިން ކެޓަގަރީއަކުން އެސްޓީއޯއަކުން ވަނީ ކުރި ހޯދައިފައެވެ. އެއީ، ކުންފުނީގެ މިލްކުވެރިކަމުގެ ސިޔާސަތާއި މަގުސަދުތަކުގެ ބަޔާއި އޯގަނައިޒޭޝަން، އޮޕަރޭޝަންތައް އަދި ޕާފޮމެންސްގެ އިތުރުން ސީއެސްއާރު، އިންޓާނަލް ކޮންޓްރޯލް އަދި ކޯޕަރޭޓް އިންޓެގްރިޓީގެ ބައިންނެވެ.

ދައުލަތާ ކުރާ މުއާމަލާތްތަކުގެ ބައިންނާއި ޕްރައިވެޓް ސެކްޓާއާ ދެމެދު ކުރާ މުއާމަލާތްތަކުން ހޯދީ، އެމްޓީޑީސީންނެވެ. ޑިރެކްޓަރުންގެ ބޯޑުގެ ބައިން ކުރި ހޯދީ ދިރާގުންނެވެ.

ސީޖީޓީއައި ރިޕޯޓުން ދައްކާ ގޮތުގައި އެސްޓީއޯގެ އިތުރުން މިދިޔަ އަހަރު އެންމެ ބޮޑަށް ދެ ފުށް ފެންނަ ކުންފުނިތަކުގެ ތެރޭގައި އެޗްޑީއެފްސީ އާއި އެމްޓީސީސީ އާއި ބީއެމްއެލް އާއި ދިރާގުގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީ ހިމެނެއެވެ.