ރަސްމާލެ ހިއްކުމުގެ މަޝްރޫއު ސަރުކާރުން ރޭވި ގޮތަށް އެ މަސައްކަތް ހަވާލުކުރި ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) ނުކުރެވެމުން އެ ކުންފުންޏަށް އިތުރު ފުރުސަތެއް ސަރުކާރުން ނުދިނީ މާލެ ސަރަހައްދުން ކޮންޓްރެކްޓަރަކަށް ބިންތަކެއް ނުދީ، ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ރަސްމާލެ ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުން ބޭނުންވާތީ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1153 ހެކްޓަރު ހިއްކަން ހަމަޖެހިފައިވާ އިރު، އެ މަސައްކަތް ސީއެމްސީސީއާ ހަވާލުކޮށްފައިވަނީ ހުޅުމާލެ އިން 10 ހެކްޓަރު އަދި ރަސްމާލެ އިން 60 ހެކްޓަރުގެ ބިން 99 އަހަރަށް ސީއެމްސީއަށް ކުއްޔަށް ދީގެންނެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ ސީއެމްސީސީއާ ރަސްމާލެ ހިއްކަން ހަވާކުރީ ދައުލަތަށް އެއްވެސް ބުރައެއް ލިބޭ ގޮތަށް ނޫން ކަމަށާއި އެ ކުންފުނިން އޭރު ހުށަހެޅީ ވަރަށް ރަނގަޅު ހުށަހެޅުމެއް ކަމަށެވެ.
ނަމަވެސް އެ ކުންފުންޏަށް ފައިސާ ނުހޯދިގެން އެ މަޝްރޫއު ކުރިއަށް ނުގެންދެވި މަޑުޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. ރަސްމާލެ މަޝްރޫއު ކުރިއަށްގެންދަން ސަރުކާރުން އެހެން ގޮތްތަކެއް މިހާރު ހޯދަމުން އަންނަ ކަމަށާއި މަޝްރޫއުގެ މަސައްކަތް ކުރިން ތާވަލު ކުރި ތާރީހަށްވުރެ ލަސްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެފަހުން މުއްތަލިބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
"ރަސްމާލެ ހިއްކުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކޮންޓްރެކްޓަރަށް ނުކުރެވުމުން، އިތުރު ފުރުސަތު ނުދޭން ނިންމި މައިގަނޑު ސަބަބަކީ މާލެ ސަރަހައްދުން ބިންތަކެއް ދިނުމަކާ ނުލައި ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިނޭންސް ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާތީއެވެ. އިރާދަކުރެއްވިއްޔާ ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ،" މުއްތަލިބު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެ މަޝްރޫއު ކުރިއަށްގެންދަން 400 މިލިއަން ރުފިޔާ ބަޖެޓުގައި ޖެހުމުންވެސް ކަނޑާލާފައި އޮތުމުން ކަމަށެވެ. އެހެންވެ އެ މަޝްރޫއު ސީދާ މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދެވެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދެން އަޅުގަނޑުމެން މި ޖެހެނީ އެހެން ކަހަލަ ފައިނޭންސިން މޮޑެލްއެއްގެ ތެރެއިން ކުރިއަށް ދާން، އޭގެ މަސައްކަތް އެބަ ކުރިއަށްދޭ. އޭގެ ތަފްސީލު މާލަސްތަކެއް ނުވެ ހާމަ ކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ގެނެސްދިނުމަށް ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުންދާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ.
ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފުލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު އެތަނުގައި ތަރައްގީ ކުރާނެއެވެ.
ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން ބަންޑު ވޯލް އެޅުމުގެ މަސައްކަތް ފަށާފައިވާ އިރު، އެ ތަނުން ދިހަ ހެކްޓަރު ވަނީ ހިއްކައިފައެވެ. ނަމަވެސް އޭގެ ފަހުން އެ މަޝްރޫއުގެ މާބޮޑު މަސައްކަތެއް ކުރިއަކަށް ނުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު