މާލެ އާއި ތިލަފުއްޓާ ދެމެދު ހަދަމުންދާ ތިލަމާލެ ބުރިޖު އަންނަ އަހަރުގެ ނިޔަލަށް މާލެ އާއި ވިލިމާލެއާ ގުޅުވާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ ބުރިޖުގެ 38.8 ޕަސަންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ތިލަމާލެ ބުރިޖުގެ މަޝްރޫއުގެ ދަށުން ޖެހުމަށް ހަމަޖެހިފައިވާ ތަނބުތަކުގެ ޕައިލިންގެ 65 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށާއި ޕައިލް ކެޕްގެ 47 ޕަސަންޓު މަސައްކަތް އަދި 10 ކޮލަމުގެ 48 މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ބުރިޖު މަޝްރޫއުގެ ޑެކަށް ބޭނުންވާ ބްރިކާސް މަސައްކަތުގެ 31 ޕަސަންޓު ކާސްޓުކޮށް ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަދި ވިލިމާލޭގެ ސެގްމެންޓުތައް ލޯންޗުކޮށް ވަނީ މާނައަކީ ގުޅުވާލުމުގެ މަސައްކަތް ވަނީ ފެށިފައި. މިގޮތުން މިހާތަނަށް 20 ސެގްމެންޓެއް ލޯންޗުކުރެވިފައިވޭ. މަޝްރޫއުގެ މަސައްކަތް މިހާރު ނިންމަން ހަމަޖެހިފައިވަނީ މާލެއިން، ގުޅިފަޅަށް އެއީ ސެގްމެންޓް އޭގެ މަސައްކަތް 2026 އަދި ގުޅިފަޅުން، ތިލަފުއްޓަށް 2026 ސެޕްޓެމްބަރު 30 އަށް. މީގެ އިތުރުން ކޮންޓްރެކްޓަރާ އެއްކޮށް ވާހަކަ ދެއްކި އެއްބަސްވެފައިވަނީ މާލެ އާއި ވިލިގިއްޔާ ދެމެދު މިއަންނަ އަހަރުގެ ނިޔަލު މަސައްކަތް ނިންމާލެވޭނެ ކަމަށް،" މުއްތަލިބު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބުރިޖުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކޮންޓްރެކްޓަރަށް ދަތިތަކެއް ދިމާވަމުންދާ ކަމަށެވެ. ނަމަވެސް އެ ދަތިތަކުގެ ސަބަބުން ބުރިޖުގެ މަޝްރުއޫއުގެ ޝެޑިއުލްތަކަށް ލަސްތަކެއް ނާންނާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. ސަބަބަކީ ވިއްސާރައިގެ ސަބަބުން ލަސްވި މަސައްކަތްތައް ކުރިއަށް އޮތްތަނުގައި އަވަހަށް ކުރެވޭނެތީ ކަމަށް ވިދާޅުވިއެވެ.
ބުރިޖު މަޝްރޫއުގެ މަސައްކަތުގެ ކޮލިޓީއަށް ބަލާއިރު އެކަމުގައި ކަންބޮޑުވުމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
އެ މަޝްރޫއާ ގުޅޭގޮތުން ދެން ކުރަން ޖެހިފައިވާ އެންމެ މުހިންމު މަސައްކަތަކީ މަޝްރޫއަށް ބޭނުންވާ ފައިނޭންސް ކޮންޓްރެކްޓަރަށް ހަމަޖައްސައިދިނުން ކަމަށް މުއްތަލިބު ވިދާޅުވިއެވެ. ކޮންޓްރެކްޓަރުގެ ފަރާތުން އެ މަޝްރޫއުގެ ޕްރޮޕޯޒަލް ހުށަހެޅުމުން މަޝްރޫއުގެ އަގު އެނގިގެންދާނެ ކަމަށެވެ.
ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
އެ މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.
މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަމަޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު