ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިހާބު ކުރި މެންބަރުން ދެންމެ އެ ބޭފުޅުންގެ މަގާމުގެ ހުވައި ކުރައްވައިފިއެވެ.

އެކަމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މިއަދު ހެނދުނު 9:00 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މެންބަރުންނަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންއެވެ. ހުވައި ކުރެއްވުމަށްފަހު، މެންބަރުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކުރައްވައިފައެވެ.

މެންބަރުން މަގާމުގެ ހުވައި ކުރައްވާފައިވާތީ، 20 ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް މިއަދު ފަށާނެއެވެ. އެގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ މިއަދު ހެނދުނު 10:15 ގައި އޮންނާނެއެވެ.

އެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ އާ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް އިންތިހާބުކުރުމެވެ. ދެން އޮތީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން މަޖިލީހުން އެކުލަވާލަންޖެހޭ މަޖިލިސް ހިންގުމުގެ ގަވާއިދާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަ ކުރިއަށް ގެންދިއުމެވެ.

މިއަދު ހުވާކުރި 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެއެވެ.

އޭގެ ތެރެއިން ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ 75 މެންބަރުން ތިއްބަވާނެއެވެ. އަދި ސަރުކާރާއެކު މަސައްކަތް ކުރައްވަން ނިންމަވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އަދި އެ ޕާޓީއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އާއެކު އެ އަދަދު 79 އަށް އަރަ އެވެ. އެއީ ސުޕަ މެޖޯރިޓީއެވެ.

އިދިކޮޅު އެމްޑީޕީއަށް މި ފަހަރުގެ މަޖިލިސް އިންތިހާބުގައި ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑިއެވެ. އަދި އާ މަޖިލީހުގައި މިނިވަން ދެ މެންބަރުން ތިއްބަވާނެއެވެ.

ޕީއެންސީން ނިންމާފައިވަނީ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިހާބު ކުރުމަށެވެ.