މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތު ހަމަވި އިރު، ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން، 48 ކެނޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮނިޝަން (އީސީ) ބުނެފިއެވެ.
ކެނޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން ޖެހެނީ މިދިޔަ ބުރާސް ފަތި ދުވަހުގެ ނިޔަލަށެވެ.
އީސީގެ މެންބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާ މިއަދު "ވަން" އަށް ވިދާޅުވީ، މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތު ހަމަވި އިރު މާލީ ބަޔާން ހުށަހަޅާފައި ވަނީ 320 ކެނޑިޑޭޓުން ކަމަށެވެ.
"މުއްދަތު ހަމަވި އިރު މާލީ ބަޔާން ހުށަހަޅާފައި ވަނީ 320 ކެނޑިޑޭޓުން، 48 ކެނޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައެއް ނުވޭ، ނަމަވެސް މި ދެ ދުވަހު ބަލައިލީމަ އެނގޭނީ މުއްދަތު ހަމަވިފަހުން ވެސް ހުށަހަޅާފައިވާކަން،" ޒަކަރިއްޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މުއްދަތު ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަހެޅުމާއި މުއްދަތު ހަމަވުމަށްފަހު މާލީ ބަޔާން ހުށަހެޅުމާ ތަފާތުތަކެއް ހުންނާނެތީ، މުއްދަތުގެ ފަހުން މާލީބަޔާން ހުށަހަޅާ ފައިވާ ނަމަ އެފަރާތްތަކަށް ފިޔަވަޅު އެޅުމާ މެދު އީސީން ގޮތެއް ނިންމާނެ ކަމަށެވެ.
މަޖިލިސް އިންތިހާބުގައި ވާދަ ކުރި ހުރިހާ ކެންޑިޑޭޓުން ވެސް މާލީ ބަޔާން ހުށަހެޅުމަކީ ލާޒިމު ކަމެކެވެ.
މާލީ ބަޔާން ހުށަނާޅައިފި ނަމަ ނުވަތަ މާލީ ބަޔާނުގައި ދޮގު މައުލޫމާތެއް ދީފި ނަމަ، އެ ކެންޑިޑޭޓެއްގެ އަދަބަކީ، އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ 72،000 ރުފިޔާ އިން ޖޫރިމަނާ ކުރުމެވެ.
ވިހި ވަނަ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު