މެކްސިކޯގެ ރިޔާސީ އިންތިހާބަށް ކެމްޕޭނު ކުރަނިކޮށް ސްޓޭޖެއް ވެއްޓި ނުވަ މީހުން މަރުވެއްޖެއެވެ.

މެކްސިކޯގެ އިރުއުތުރުން އޮންނަ ސަން ޕެޑްރޯ ގާޒާ ގާސިއާގައި ސްޓޭޖް ވެއްޓުނީ މޫސުން ގޯސްވެ ވައިގަދަ ވުމުގެ ސަބަބުންނެވެ. އެ ހާދިސާގައި ރިޔާސީ ކެންޑިޑޭޓަށް ވެސް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ބުދަ ދުވަހު ހިނގި އެހާދިސާގައި ރިޔާސީ ކެނޑިޑޭޓު ޖޯޖް އަލްވަރޭޒް މޭނޭޒް ގެ އިތުރުން 54 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ހާދިސާ ހިނގުމާއެކު ރެސްކިއު ޓީމުތަކުން ވަނީ ސްޓޭޖުގެ ސްޓްރަކްޗާ ދަށުވެ ތާށިވީ މީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

އޮފިޝަލުން ވަނީ ސްޓޭޖް ވެއްޓުނު އަވަށުގެ މޫސުން ވަރަށް ގޯސް ކަމަށާއި ވައިގެ ބާރުމިން ހުރީ ގަޑިއަކު 50 މޭލު ބާރުމިނުގައި ކަމަށް ބުނެފައެވެ.