ދިވެހީން އެންމެ ގިނައިން މިހާރު ދަތުރުކުރާ އެއް ގައުމު ކަމަށްވާ، ޔޫއޭއީގެ ދުބާއީއަށް އެތެރެވާއިރު، ވަކި އަދަދަކަށް ފައިސާ ހުރިތޯއާއި ދެކޮޅު ޓިކެޓާއި ހުރެވޭނެ ގޮތް ހަމަޖައްސާފައި ވޭތޯ އިތުރަށް ކަށަވަރުކުރާން ފަށައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އެމީހެއްގެ އަސްލު ގައުމު ނޫން އެހެން ގައުމަކަށް އެތެރެވާ ނަމަ، އެމީހަކު ހުންނާނޭ ތަނަކާއި އެނބުރި އައުމަށް ބޭނުންވާ ޓިކެޓާއި އެ ގައުމެއްގައި ހުންނަ މުއްދަތަށް ބަލައި، ހަރަދުތައް ކުރެވޭނެ ގޮތް ހަމަޖެހިފައި އޮތުމަކީ ބައިނަލްއަގުވާމީ ދަތުރުތަކުގައި އޮންނަ ޒަމާންވީ މިންގަނޑެކެވެ. އެހެން ނަމަވެސް އެއާޕޯޓުތަކުން އެތެރެވާއިރު މި ހުރިހާ ކަމެއް ބަލަނީ ވަރަށް މަދު ގައުމަކުންނެވެ. މި ފަހަކަށް އައިސް ދުބާއީއަށް އެތެރެވާ ދިވެހީންގެ އަތުގައިވެސް ދެކޮޅު ޓިކެޓާއި ވަކި އަދަދަކަށް ފައިސާ ހުރިތޯ އާއި ހުންނާނޭ ތަނެއް ކަށަވަރުކޮށްދޭ ލިޔުމެއް އޮތްތޯއެއް ނުބަލައެވެ.
ޚަލީޖް ޓައިމްސް އިން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި، ދުބާއީއަށް އެތެރެވާ އިރު މިކަންކަން ބެލުން އެ ގައުމުގެ އިމިގްރޭޝަނުން ވަނީ އިތުރަށް ހަރުދަނާ ކޮށްފައެވެ. މަދުވެގެން 3000 ދިރުހަމަށްވާ ފައިސާ ހުރިތޯވެސް ބަލަމުން އަންނަ ކަމަށާއި، އޭގެ އިތުރުން ދެކޮޅު ޓިކެޓާއި ހުންނަ ތަނެއް ކަށަވަރުކޮށްދޭ ލިޔުމެއް އޮތްތޯވެސް ބަލައެވެ.
ބައެއް ޓްރަވެލް އެޖެންސީތަކާ ހަވާލާދީ، އެ ނޫހުން ބުނެފައިވާ ގޮތުގައި، މި ކަންކަން ކަށަވަރުކޮށްނުދެވުމުގެ ސަބަބުން ބައެއް މީހުނަށް ނުފުރި އަނބުރާ ދާން ޖެހިފައިވެއެވެ. އަދި ބައެއް މީހުން އެތައް ގަޑިއިރެއް ވާންދެން އެއާޕޯޓުތަކުގައި ތާށިވެފައި ތިބެން ޖެހުން ވަނީ އާންމުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު