އިރާންގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރައްވަމުން ގެންދިޔަ ހެލިކޮޕްޓަރު ވެއްޓިފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ނިއުސް އެޖެންސީތަކުން ބުނެފިއެވެ.

އިރާންގެ ރަސްމީ ނިއުސް އެޖެންސީ، އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީގައި ބުނެފައިވާ ގޮތުން އެ ހެލިކޮޕްޓަރު ވެއްޓުނީ އިރާންއާއި އަޒަރްބައިޖާން ގުޅޭ ބޯޑަރު ކައިރީގައި އޮންނަ އަވަށަކަށެވެ. ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވެ މައިގަނޑު ސަބަބެއް އަދި ނޭނގެއެވެ. ނަމަވެސް އެ ސަރަހައްދުގެ މޫސުން ގޯސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ރައީސް ރައީސީ އަޖަރުބައިޖާނަށް ކުރެއްވި މި ދަތުރަކީ އިއްޔެ އަޒަރުބައިޖާންގެ ޑޭމް އެއް އިފުތިތާހު ކުރައްވަން ކުރެއްވި ދަތުރެކެވެ.

ރައީސް ރައީސީ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރުގައި އިރާންގެ ފޮރިން މިނިސްޓަރު ހުސެއިން އަމީރްއަބްދުﷲހިއަން އާއި އަޒަރްބައިޖާންގެ އިރުމަތީ ޕްރޮވިންސެއްގެ ގަވަރުނަރު މާލިކް ރަހްމަތީ ދަތުރުކުރައްވަމުން ގެންދެވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީން ބުނީ، ރެސްކިއު އެންޑް ރިލީފް ޓީމުތަކުން ހެލިކޮޕްޓަރު ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދަށް ފޮނުވައި، ސާޗް އޮޕަރޭޝަންތައް ވަނީ ފަށައިފައެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

އިރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އިރާންގެ އިންޓީރިއާ މިނިސްޓަރު އަހުމަދު ވާހިދީ ވަނީ ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދުގެ މޫސުން ގޯސްވެ ދުންފުނި ބޯވެފައިވާތީ އެ ހިސާބަށް ދިއުމަށް ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ސަރަހައްދަށް ރެސްކިއު ޓީމުތަކަށް ދިއުމަށް ވަގުތު ނަގާނެ ކަމަށްވެސް ވިދާޅުވިއެވެ.