ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯނި ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ ގެއްލިގެން ހޯދަމުންދާ ''AAA-37'' ނަމަކަށް ކިޔާ ދޯނި ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓުމެއްނެތި ކުރިޔަށްގެންދާ ކަމަށާއި މިއަދާ ހަމަޔަށް، އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މ. އަތޮޅު ރަތްމަންދޫގެ އިރުމަތީ ބިތުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

މިހާތަނަށް ކަނޑާއި ވައިގެމަގުން 4519 ސްކެއާ ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާ ކަމަށާއި އެ ދޯނިން ދަތުރުކުރީ ބަންގްލަދޭޝް ތިން މީހުންނާއި ދިވެއްސަކާއެކު ޖުމްލަ ހަތަރު މީހުންނެވެ.

ދޯނި ގެއްލިގެން ރިޕޯޓް ކުރީ އިއްޔެ 17:20 ހާއިރެވެ.

އެމްއެންޑީއެފް އިން ވަނީ އެ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.