ތ. ކަނޑޫދޫގައި ފާރެއް ދަށުވި ކުއްޖާގެ ހާލު ރަނގަޅުވަމުންދާ ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

އުމުރުން 10 އަހަރުގެ އެ ކުއްޖާގެ ގައިމައްޗަށް ފާރެއް ވެއްޓުނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު މޫދަށް ގޮސް އެނބުރި ގެޔަށް ދިޔަ މަގުމަތީގައެވެ. ފާރު ވެއްޓެން ދިމާވީ މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނދުމޫސުމުގެ ވިއްސާރައިގައި ގަދަވަޔާއެކުއެވެ.

އައިޖީއެމްއެޗްއިން މިއަދު "ވަން" އަށް ބުނީ އެ ކުއްޖާ މިވަގުތު އޮތީ އޮބްޒަވޭޝަންގައި ކަމަށާއި ކުއްޖާގެ ހަށިގަނޑުގެ ދެތަނެއް ފްރެކްޗާ ވެފައިވާ ކަމަށެވެ. ނަމަވެސް އެ ކުއްޖާގެ ހާލި ސީރިޔަސް ނޫން ކަމަށާއި ހާލު ރަނގަޅު ކަމަށެވެ.

އެ ކުއްޖާގެ އާއިލާ މީހަކު "ވަން" އަށް މީގެ ކުރިން ބުނީ ކުއްޖާގެ ގަޔަށް ފާރު ވެއްޓުނުތާ ގިނައިރު ތަކެއް ނުވަނީސް، އެތަނުގައި ތިބި މީހުން ކުއްޖާގެ ގައިމަތިން ފާރު ނަގައި، ކަނޑޫދޫ ސިއްހީ މަރުކަޒަށް ގެންދިޔައެވެ. ނަމަވެސް ފަހުން ވަނީ އެ އަތޮޅު ވޭމަންޑޫ ހޮސްޕިޓަލަށް އެ ކުއްޖާ ގެންގޮސްފައެވެ.

ވޭމަންޑޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އިއްޔެ މާލެ ގެނެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ.