ތ. ކަނޑޫދޫގައި ހަވީރު މޫދަށް ގޮސް އެނބުރި ގެޔަށް ދިޔަ މަގުމަތީގައި، ގަދަ ވަޔާއެކު މަގުގައި ހުރި ފާރެއް 10 އަހަރުގެ ކުއްޖެއްގެ ގައިމައްޗަށް ވެއްޓި އަނިޔާތަކެއް ވެއްޖެއެވެ.
އެ ކުއްޖާގެ އާއިލާ މީހަކު "ވަން" އަށް މިރޭ ބުނީ ކުއްޖާގެ ގަޔަށް ފާރު ވެއްޓުނުތާ މާގިނައިރުތަކެއް ނުވަނީސް، އެތަނުގައި ތިބި މީހުން ވަނީ ކުއްޖާގެ ގައިމަތިން ފާރު ނަގައި، ކަނޑޫދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައި ކަމަށެވެ.
ފާރު ވެއްޓުމުގެ ސަބަބުން އެ ކުއްޖާގެ ގައިގެ ބައެއް ތަންތަން މަށައިގެން ގޮސްފައިވާ ކަމަށާއި ކުއްޖާގެ ގައިގެ ބޭރު ފުށުން އެ ނޫން އަނިޔާއެއް ނުފެންނަ ކަމަށް އެމީހާ ބުންޏެވެ.
ކުއްޖާގެ އެތެރެހައްޓަށް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް އެކްސްރޭއެއް ނަގަން ޖެހޭ ކަމަށާއި އެކްސްރޭގެ ހިދުމަތް ކަނޑޫދޫގެ ސިއްހީ މަރުކަޒުން ލިބެން ނުހުންނާތީ އެ ހިދުމަތް ހޯދަން ދާން ޖެހޭނީ އެ އަތޮޅު ވޭމަންޑުއަށް ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރު ނުކުރެވޭތީ ކުއްޖާ އަދިވެސް އޮތީ ކަނޑޫދޫ ސިއްހީ މަރުކަޒުގައި ކަމަށް އާއިލާގެ ފަރާތުން މައުލޫމާތުދިން މީހާ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު