ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އަންލިމިޓެޑް ގްރޫޕް ކޯލިން ކުރެވޭ ފަދަ މުޅިން އާ އެޑް-އޮންއެއް ތައާރަފުކޮށްފިއެވެ.
ދިރާގުން މިއަދު ބުނީ އެ އާ އޮފާއާއެކު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް 'ވާހަކަ' އެޑް-އޮން އެކްޓިވޭޓްކޮށްލައިގެން، އެ އެޑް-އޮން އެކްޓިވޭޓްކޮށްފައިވާ އާއިލާ މެމްބަރުންނާއި ރައްޓެހިންނަށް ހިލޭ ގުޅާލެވެން ހުންނާނެ ކަމަށެވެ.
އެ އެޑް-އޮންއާއެކު 50 ރުފިޔާއަށް، 30 ދުވަހުގެ މުއްދަތަށް އަންލިމިޓެޑް ކޯލް ކުރެވުމުގެ އިތުރުން އެއް ޖީބީ މޮބައިލް ޑޭޓާވެސް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި ވަޓްސްއެޕް، ޓެލެގްރާމް ނުވަތަ ވައިބާ މެދުވެރިކޮށް ކޯލިން ގްރޫޕްގައި ބައިވެރިވުމުގެ ދައުވަތު އާއިލާއަށާއި ރައްޓެހިންނަށް ފޮނުވެން ހުންނާނެ ކަމަށެވެ.
ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް ވިދާޅުވީ "ކަސްޓަމަރުން އެކަކު އަނެކަކާ މުވާސަލާތީ ގޮތުން ފަސޭހަކަމާއެކު ގުޅުވާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މިފަދަ އޮފާއެއް ތައާރަފުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެގޮތުން މި ލޯންޗަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން، ދިރާގު ނެޓްވާކް މެދުވެރިކޮށް، ގުޅުވާލުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު ކާމިޔާބީއެއް" ކަމަށެވެ.
ދިރާގު އެޕް މެދުވެރިކޮށް ޕްރީޕެއިޑް ކަސްޓަމަރުންނަށް އެ އެޑް-އޮން އެކްޓިވޭޓް ކުރެވެން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ. އެޑްއޮން ބެހޭ އިތުރު މައުލޫމާތު https://bit.ly/3UPAjns ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށްދީ، އާ އޮފާތަކާއެކު އެ ފަރާތްތައް ޑިޖިޓަލްކޮށް ގުޅުވާލެވޭނެ އިތުރު ގޮތްތައް ފަހިކޮށްދިނުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު