ރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހު ގެންނައިރު، އެސޯސިއޭޝަންތަކާއި ކްލަބުތަކަށް އަމިއްލަ ވިޔަފާރި ހިންގުމަށް ފުރުސަތުތައް ފަހިކޮށްދޭން ވިސްނުން ގެންގުޅުއްވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ރާފިއު އެހެން ވިދާޅުވީ ކުޅިވަރާ ބެހޭ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރަން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރާފިއު ވިދާޅުވީ، އެސޯސިއޭޝަންތަކާއި ކްލަބުތައްވެސް ބާރުވެރި ކުރުވަންޖެހޭ ކަމަށާއި އެކަމަށް އެންމެ ބޮޑަށް ބޭނުންވަނީ ވިޔަފާރި މޮޑެލްއެއް ކަމަށެވެ.
"ކުޅިވަރުގައި ވިޔަފާރީގެ މުއާމަލާތް ކޮށްގެން އެސޯސިއޭޝަންތަކަށް ބާރު ހޯދައިދީ، އިންޑިޕެންޑެންޓް ކުރާ މަސައްކަތުގެ ވާހަކައަކީ އަޅުގަނޑުމެން ވަރަށް ގިނަ ދުވަސް ވަންދެން ދެއްކި ވާހަކައެއް. އޭގައި އަޅުގަނޑުން ކުޅިވަރު ގާނޫނު އިސްލާހު ކުރުމުގައި ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި. އޭގެ ތެރޭގައި އެކޮނޮމިކަލީ ވަޔަބަލް މޮޑެލްތަކަކުން އެސޯސިއޭޝަންތަކާއި ކްލަބު ޖަމިއްޔާތައްވެސް ހިންގުން. ގާނޫނަށް ބަދަލު ގެންނައިރު އެގޮތަށް އިސްލާހުތައް ގެނެސް، ބަދަލުކޮށްގެން އެކަން ކުރާ ގޮތަށް ހަމަޖެހިފައިވެސް އޮތީ،" ރާފިއު ވިދާޅުވިއެވެ.
ރާފިއު އިތުރަށް ވިދާޅުވީ މީރާގައި ރަޖިސްޓްރީ ކުރެވިގެން އެސޯސިއޭޝަންތަކުން ވިޔަފާރި ހިންގައިގެން، މަންފާ ހޯދައިގެން ނޫނީ ބަޖެޓަށް ލުޔެއް ހޯދެން ނޯންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ވިޔަފާރީގެ އުސޫލުން، މީރާގައި ރަޖިސްޓްރީ ކޮށްގެން އެސޯސިއޭޝަންތައް ހިންގޭނެ ގޮތް ހަދަން ބޭނުންވަނީ. އެއީ އެސޯސިއޭޝަންތަކަށްވެސް ވިޔަފާރި ކޮށްގެން، ބަޖެޓަށް ލުޔެއް ހޯދޭނެ ގޮތެއް ހަދަން ވެގެން. އެކަހަލަ ކަމެއް ކޮށްގެން ކްލަބުތަކުގައި ތިބޭ ކުޅުންތެރިންނަށް މުސާރަ ދިނުމާއި އިތުރު ކަންކަން ފަހިކުރެވޭނީ،" ރާފިއު ވިދާޅުވިއެވެ.
ރާއްޖޭގެ ކުޅިވަރު ގާނޫނަށް ބަދަލުތަކެއް ގެންނަން 2020 ވަނަ އަހަރުން ފެށިގެންވެސް މަސައްކަތް ކުރައްވާ އިރު، ނިމިދިޔަ މަޖިލީހުގައިވެސް ބަހުސްކޮށް، އެކަމަށް ފަހި މަގެއް ފެނިފައެއް ނުވެއެވެ. ނިމިދިޔަ މަޖިލީހުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު ހަސަން ލަތީފް ހުށަހެޅުއްވި ކުޅިވަރު ގާނޫނަށް މަސައްކަތް ކުރައްވި ނަމަވެސް، ސަރުކާރުން އެކަމަށް އެކަށީގެންވާ އެއްބާރުލުން ނުދެއްވި ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ހަސަންގެ އިސްލާހުތަކުގައި އޮލިމްޕިކް ޗާޓަރާ ފުށުއަރާ ބައެއް ކަންތައް ހުރިކަން އޭރު ބައެއް އިދާރާތަކުން ފާހަގަކުރައްވާފައިވާ އިރު، އެކަންކަން އިސްލާހުކުރަން މަޖިލީހުން ފަހުން މަސައްކަތްތަކެއް ނުކުރައްވައެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު