މިހާރުވެސް ބޭރުގެ ގިނަ ގައުމުތަކަކާ ވާހަކަ ދައްކައި، ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން ފުރުސަތުތައް ހޯދަން މަސައްކަތް ކުރައްވާ ކަމަށާއި މިހާތަނަށް މެލޭޝިއާއާއި ފްރާންސް އަދި ކިއުބާ އިން އެހީތެރިކަން ލިބިފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރާފިއު އެހެން ވިދާޅުވީ މިނިސްޓްރީގެ މަސައްކަތްތައް ހިއްސާކުރުމަށް އިއްޔެ ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލާމުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ. ރާފިއު ފާހަގަކުރެއްވީ މިނިސްޓަރުކަމާ ހަވާލުވެ، މިވީ ދުވަސްތަކުގައި ބޭރުގެ އެކި ގައުމުތަކާ ބައްދަލުކުރެވި، ކުޅިވަރުގެ ކުރިއެރުމާއި ތަމްރީނުތަކަށް ހާއްސަ އެހީތައް ހޯދިފައިވާ ކަމަށެވެ.

"މިދިޔަ ދެތިން ހަތަރު މަހެއްގައި ކުރެވުނު މަސައްކަތުން ވަރަށް އުންމީދީ ޖަވާބުތަކެއް ލިބިފައިވަނީ. އެގޮތުން މެލޭޝިއާ ފާހަގަކޮށްލަން. މެލޭޝިއާ އިން ކުޅިވަރު ކުރިއަރުވަން ބޭނުންވާ ސަޕޯޓިން ސްޓާފުންނަށް ސްކޯލާޝިޕް ލިބޭނެ ގޮތެއް ވަނީ ފަހިވެފައި. އެކަމަށް އެމްއޯޔޫއެއް އެކުލަވާލައި ސޮއިކުރުމަށް ދަނީ މަސައްކަތް ކުރެވެމުން. މިހާރު ވަނީ އެމްއޯޔޫ އޭޖީ އޮފީހަށް ފޮނުވާފައި. އޭގެ ފަހުން ފޮރިން މިނިސްޓްރީ މެދުވެރިކޮށް މެލޭޝިއާ ސަރުކާރަށް އެމްއޯޔޫ ފޮނުވާނަން. (މެލޭޝިއާގެ ސްކޯލާޝިޕްތަކުގެ) ތެރޭގައި ސްޕޯޓްސް ނިއުޓްރިޝަން، ސްޕޯޓްސް ފިޒިއޯތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީއަށް ހާއްސަ ފަރާތްތައް ތަމްރީނުކުރުމާއި ކޯޗުންނާއި އެތުލީޓުންނަށް ބޭނުންވާ އިތުރު ތަމްރީނުތަކަށް ފުރުސަތު އޮންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދާދިފަހުން ފްރާންސްގެ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުންތައްވެސް ކާމިޔާބު ކަމަށެވެ. އެގޮތުން އެ ގައުމުގެ އެހީގައި "މެޑަލް ކެޕެބަލް" އެތުލީޓުން ތަމްރީނުކުރަން ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އޭގެ އިތުރުން ކިއުބާ ސަރުކާރުން ރާއްޖޭގެ ކުޅިވަރުގެ ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވެފައިވާ ކަމަށްވެސް ރާފިއު ފާހަގަކުރެއްވިއެވެ.

"ކިއުބާއިންވެސް އެބަ އޮތް ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ފުރުސަތުތަކެއް ހުޅުވާލާފައި. ހާއްސަ ސްޕޯޓްސް މެޑިކަލް ދާއިރާގެ ފުރުސަތުތަކެއް އެއީ. ބައޯ މެޑިކަލްއަށް ހާއްސަ މީހުން އުފައްދައި ހައި ޕާފޮމަންސް މެޑިކަލް އިކިއުޕްމަންޓްވެސް ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައްވެސް ކިއުބާ އިން ހޯދޭނެ. މިސާލަކަށް ބީއޯ2 މެޝާ ކުރުމާއި މޯޝަން އެނަލައިޒާ ބޭނުންކުރާނެ ގޮތް (ދަސްކުރަން ކިއުބާގެ އެހީ ހޯދޭނެ). އެއީ ކުޅިވަރު ކުރިއަރުވަން ބޭނުންވާ ރިސާޗާއި އެންމެ މަތީ ފަންތީގެ ކުޅިވަރަށް މުހިންމު ވާނެ ކަމެއް،" މިނިސްޓަރު އިއްޔެ އިތުރަށް ވިދާޅުވިއެވެ.

އެކިއެކި ސްކޯލާޝިޕްތަކުގެ ދަށުން މިހާރުވެސް ރާއްޖޭގެ އެތުލީޓުން ދަނީ ބޭރުގެ އެކި ގައުމުތަކުގައި ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ. އެހެން ނަމަވެސް، ކުޅިވަރާ ގުޅުންހުރި އެހެން ދާއިރާތަކަށް އަދިވެސް ތަމްރީނު ފުރުސަތު ލިބޭ އަދަދު މަދުކަން ފާހަގަވެއެވެ.