ފައިސާ ޗާޕުކުރުން ހުއްޓާލުމަށް ސަރުކާރުން ނިންމި ނިންމުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މަރުހަބާ ކިޔައިފިއެވެ.
ރާއްޖެއަށް، އައިއެމްއެފްގެ ޓީމެއް ވަޑައިގެން ހެދި ދިރާސާގެ ރިޕޯޓުގައި އައިއެމްއެފުން ބުނީ ޖީއެސްޓީ ބޮޑުކުރަން ނިންމި ނިންމުމުގެ ސަބަބުގެ ރާއްޖޭގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި އައިއެމްއެފްގެ ޓީމު ރާއްޖެއަށް އައިސް މައުލޫމާތު އެއްކޮށް، ހެދި ދިރާސާއާ ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށްޓަކައި މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
އައިއެމްއެފުން ބުނީ ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ބަލާއިރު ފާއިތުވި އަހަރު ނިމުނުއިރު ދަރަނީގެ ނިސްބަތް ހުންނަނީ 118.7 ޕަސަންޓުގައި ކަމަށެވެ. ރާއްޖެއަށް މުދާ އިމްޕޯޓް ކުރުން އިތުރުވުމުގެ ސަބަބުންނާއި ކާބޯތަކެއްޗާއި ތެޔޮ އެތެރެކުރަން ހިނގާ ހަރަދު ބޮޑުވުމުން އަދި ޓޫރިޒަމާ ގުޅިގެން އިމްޕޯޓަށް އޮންނަ ޑިމާންޑު ބޮޑުވުމުގެ ސަބަބުން ކަރަންޓު އެކައުންޓުގެ ޑެފިސިޓް މިދިޔަ އަހަރު 22.8 ޕަސަންޓަށް އިތުރުވެފައިވާ ކަމަށެވެ.
ބޭރު ފައިސާގެ ރިޒާވްގައި މިދިޔަ އަހަރު 589 މިލިއަން ޑޮލަރު ހުރި އިރު، އަހަރު ނިމުނުއިރު ރިޒާވްގައި ޑޮލަރު ހުރީ ގާތްގަނޑަކަށް އެއް މަސް ދުވަހަށް ބޭނުންވާ ޒަރޫރީ މުދަލުގެ ބާވަތްތައް އެތެރެކުރެވޭ މިންވަރަށް ކަމަށް އައިއެމްއެފުން ބުންޏެވެ.
ރާއްޖޭގެ އިގުތިސޯދަށް މިއަހަރު 5.2 ޕަސަންޓުގެ ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް އައިއެމްއެފުން ބުންޏެވެ. އިގުތީސޯދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީކުރާ މަޝްރޫއު އާއި ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ތަންތަނުގެ އަދަދު އިތުރުވުމުން ކަމަށް އައިއެމްއެފުން ބުންޏެވެ.
ނަމަވެސް ތަކެތީގެ އަގު މައްޗަށް ދިއުމުގެ ސަބަބުންނާއި މުދާ އެތެރެކުރުން އިތުރުވަމުން ދިއުމުން، ކަރަންޓް އެކައުންޓުގެ ޑެފިސިޓް، މެދު ރާސްތާގައި ކުޑަވި ނަމަވެސް، ޖުމުލަކޮށް ބަލާއިރު ހުންނާނީ ބޮޑު އަދަދެއްގައި ކަމަށް އައިއެމްއެފުން ވަނީ ލަފާކޮށްފައެވެ.
މިފަހަރު ވެސް އައިއެމްއެފުން ވަނީ ދަރަނީގެ ނުރައްކާ ރާއްޖެއަށް ބޮޑުކަމަށް ތަކުރާރުކޮށްފައެވެ.
އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން ރާއްޖެއަށް ދީފައިވާ ލަފާގައި ބަޔާންކޮށްފައިވަނީ ދަރަނި މެނޭޖު ކުރުމާއި މާލީގޮތުން ހަމަޖެހުން ގެނައުމަށްޓަކައި ވީހާވެސް އަވަހަށް ސިޔާސަތުތަކަށް ބަދަލު ގެނައުމަށެވެ.
އެގްޒެކެޓިވް ބޯޑުން ވަނީ ރާއްޖޭގެ މާލީ އިދާރާތަކުން މިހާރު އަޅާފައި ހުރި ފިޔަވަޅުތަކަށް މަރުހަބާ ކިޔައިފައެވެ. އަދި ވަނީ ދައުލަތަށް ލިބޭ އާމްދަނީ ބޭނުންކުރާނެ ގޮތްތައް ހަރުދަނާކޮށް، ހަރަދު ކުޑަކުރުމުގެ ވަށައިޖެހޭ ސިޔާސަތަކާއެކު ބޭރު ފައިސާގެ ރިޒާވް ފުޅާކުރުމަށް ގޮވާލައިފައެވެ.
ޑޮލަރުގެ އެކްސްޗޭންޖު ރޭޓު ހިފެހެއްޓުމަށްޓަކައި މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައިގެން އެކަން ކުރެވޭނެ ކަމަށާއި ވިދިގެން ލިކުއިޑިޓީ މެނޭޖުކުރުން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް އެގްޒެކެޓިވް ބޯޑުން ވަނީ ލަފާދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު