ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމު ކުރުމާއި، ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުމާ ގުޅޭ އުސޫލުތައް ހެދުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ހިމަނައި އެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ ރާއްޖޭގައި އިތުރުވަމުންދާ ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް މަދު ކުރެވޭނެ ގޮތްތަކެއް ރާވައި ހިންގުމަށާއި، އެފަދަ ހަޑި މުޑުދާރު އަމަލުތައް ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ދައުލަތުގެ ކަމާގުޅޭ ފަރާތްތަކަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރުގެ ލާމަރުކަޒީ މިނިސްޓަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ގަރާރުގައި ހިމަނައިގެންނެވެ.

ޝަރީފްގެ މި ގަރާރުގައި ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް މަދު ކުރެވޭނެ ގޮތްތަކެއް ނިޒާމީ ގޮތެއްގައި ރާވައި ހިންގުމަށާއި، އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދައިދީ ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ކަންތައްތަކެއް ހިމަނައި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުން އެކަންކަން ފުރިހަމަ ކުރުމަށް ވަނީ ގޮވާލައިފައެވެ.

އޭގެ ތެރޭގައި ޖިންސީ ކުށުގެ ގާނޫނާ އެއްގޮތަށް ޖިންސީ ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ކަމާގުޅޭ އިދާރާތަކުގެ މެދުގައި މަސައްކަތްކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމާއި، އެ ގާނޫނާ އެއްގޮތަށް ޖިންސީ ކުށުގެ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމަށާއި، އެފަދަ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެފަދަ ހިދުމަތްތައް ލިބޭނެ ގޮތްތައް ގާއިމުކުރުން ހިމެނެއެވެ.

މީގެ އިތުރުން ޖިންސީ ކުށުގެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހުގެ ދަށުން އެކުލަވައިލަންޖެހޭ ގަވާއިދުތައް އެކުލަވާލައި ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ރޭޕް އެވިޑެންސް ކިޓް މިއަހަރު ނިމުމުގެ ކުރިން ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ހުރިހާ މަރުކަޒުތަކަކަށް ފޯރުކޮށްދިނުމަށްވެސް އެ ގަރާރުގައި ހިމަނައިގެން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.