ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގަތަރުގެ ދޯހާއަށް ރޭ ވަޑައިގެންފިއެވެ.
ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ދަތުރުގައި ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝައިހް މުހައްމަދު ބިން އަބްދުއްރަހުމާން ބިން ޖާސިމް އަލްސާނީއާ ބައްދަލު ކުރައްވައި ރާއްޖެއަށް ފައިދާ ހުރި މަޝްވަރާތަކެއް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ގަތަރުގެ ބޮޑުވަޒީރު އަދި ހާރިޖީ ވަޒީރު، ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ،" ޒަމީރު ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރުގެ ދަތުރުގައި ގަތަރު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދޭތެރޭގައި ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެ ފުރުސަތުތައް ބައްލަވާނެ ކަމަށެވެ.
ޒަމީރުގެ ގަތަރަށް ވަޑައިގެންފައި މިވަނީ، އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރަށްފަހުއެވެ. އެ ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރުއާ ޒަމީރު ވަނީ ބައްދަލުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު