ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 6 މޭ 2021 ގައި ދިން ބޮމުގެ ހަމަލާގެ މައްސަލަ ބަލައި، އެ މަނިކުފާނަށް އަދިވެސް އިންސާފު ލިބިފައިނުވާތީ، އެ މަނިކުފާނު އިސްވެ އުޅުއްވާ ދަ ޑިމޮކްރެޓްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ނަޝީދަށް ދިން ހަމަލާއަށް މިއަދަށް ތިން އަހަރުވުމާ ގުޅިގެން ޑިމޮކްރެޓްސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ހަމަލާއަށް ތިން އަހަރު ފުރުނު އިރު އަދިވެސް އެ މަނިކުފާނަށް އިންސާފު ނުލިބޭ ކަމަށެވެ. އެގޮތުން، އެ ހަމަލާގެ އަޑީގައި ތިބި އެއްވެސް ބަޔަކު އަދިވެސް ހޯދިފައި ނުވާ ކަމަށް ބުންޏެވެ.

"އެ ހަމަލާގެ މައްސަލައިގައި އިއުތިރާފުވި ފަރާތް ފިޔަވައި، އެހެން މީހުންގެ ޝަރީއަތްތައް ހިނގުން ލަސްވެ، ހައްޔަރުގައިވާ ބައެއް މީހުން ހައްޔަރުން ދޫވެ، ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވެ، އަދި އެ ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށްވެސް ނުހޯދި، އިންސާފު ގާއިމު ނުވެ އަހަރުތައް ފާއިތުވެ ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެކެވެ." ޑިމޮކްރެޓްސް އިން ބުންޏެވެ.

ޑިމޮކްރެޓްސްގެ ބަޔާނުގައި ވަނީ، ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ އެންމެ ފުންމިނަށް ބަލައި، އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ހައްގު އަދަބު ކަނޑައަޅައި، އެ މަނިކުފާނަށް އިންސާފު ގާއިމުކުރުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ، 6 މޭ 2021ގެ އިރާކޮޅުގެ ވަގުތެއްގައި އެ މަނިކުފާނުގެ ގެ ކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި ވަގުތުއެވެ. އެ ހަމަލާގައި، އެ މަނިކުފާނަށް ބޮޑެތި ޒަހަމްތަކެއްވެފައިވާ އިރު، ގިނަ ދުވަސްތަކެއް ވަންދެން ޖަރުމަނުވިލާތުންވެސް ފަރުވާ ހޯއްދެވިއެވެ.