އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ހަނގުރާމަ ހުއްޓާލައި ފަލަސްތީނުގައި މިނިވަން ދައުލަތް ގާއިމުކުރަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސަމިޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުން ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ބައިނަލްއަގުވާމީ ކޯޓުގައި އިޒްރޭލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ތާއީދުކޮށް އިޒްރޭލާ ދެކޮޅަށް ވަކާލާތު ކުރާނެ ކަމަށެވެ. އަދި ވަނީ ހަނގުރާމަ ހުއްޓާލައި ފަލަސްތީނުގައި މިނިވަން ދައުލަތް ގާއިމުކުރަން ގޮވާލައްވައިފައެވެ.

އަޅުގަނޑުމެން ބަލާލި ކޮންމެ ދިމާލ؛ަކުންވެސް، އަޅުގަނޑުމެންނަށް ފެންނަނީ ފަލަސްތީނަށް ތާއީދުކޮށް، ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އެތައް ހާސް ބަޔަކު އެއްވެ އުޅޭތަން. އިޒްރޭލަކަށް ފަލަސްތީނުގެ ރައްޔިތުން ދައްކަމުންދާ ހިއްވަރު ބަލިކޮށް ނުލެވުނު،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މުސްލިމް ގައުމުތަކުގެ ލީޑަރުން އިތުރަށް މަސައްކަތް ކުރައްވަން ޖެހޭ ކަމަށާއި އިޒްރޭލުގެ އަމަލުތައް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ ހިތާމަތަށް ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި ހަމަނުޖެހުންތައް ތަޖުރިބާކޮށްފައިވާ ސަރަހައްދަކަށް ހަމަޖެހުން ގެންނަންޖެހޭ ކަމަށެވެ.

"މި ހަނގުރާމަ މިހާރު ނިމުމަކަށް ގެންނަން އެބަޖެހޭ،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަންދެނީ އިސްލާމީ ދުނިޔެއާ ހަރުދަނާ ގުޅުމެއް ގާއިމް ކުރުމަށް ކަމަށާއި އިސްލާމްދީނުގެ ހަމަތަކާ އެއްގޮތަށް ގައުމީ ފެންވަރެއްގައި ބައިނަލް އަގުވާމީ ފެންވަރުގައި ކަންކަން ގެންދިއުމަށް ބާރު އެޅުމަށް ކަމަށެވެ.

"ފަލަސްތީނުގައި މިނިވަން ދައުލަތް ގާއިމު ވަންދެން ހުއްޓުމެއް ނެތި މަސައްކަތް ކުރާނަން. އިޒްރޭލްގެ ހައްދު ފަހަނައަޅާފައިވާ އަމަލުތައް ވަގުތުން ހުއްޓުވަންޖެހޭ،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ރާއްޖޭން ދެމި އޮންނާނެ ކަމަށާއި ފަލަސްތީނަށް އ.ދ ގެ ފުރިހަމަ މެންބަރުކަން ލިބުމަކީ މި ސަރަހައްދުގައި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމުގެ ފެށުން ކަމަށެވެ.