ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ހުޅުމާލޭގައި ދަމާފައި ހުރި ބެނާތަކާއި ޖަހާފައި ހުރި ކެންވަސްތައް ނަގަން އަންގައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ، މަޖިލިސް އިންތިހާބާ ގުޅިގެން ހުރިހާ ކެންޑިޓޭޓުންނަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކެމްޕެއިން ބެނާއާއި ކެންވަސް ޖެހުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެނާ ދަމައި ކެންވަސް ޖަހާފައިވާ ކަމަށެވެ.
އެޗްޑީސީ އިން ބުނީ، އާންމު އިންތިހާބުތަކާ ގުޅިގެން ހުޅުމާލޭގެ މަގުތަކުގައި ބެނާ ދަމައި ކެންވަސް ޖެހުމުގެ ފުރުސަތު ހުޅުވާލިޔަސް، މަގުތަކުގައި ޖަހާ ކެންވަސްއާއި ދަމާ ބެނާތަކުގެ ސަބަބުން މަގު ބޭނުންކުރާ އާންމު ފަރާތްތަކަށް ދަތިކަން ފޯރާ ކަމަށެވެ.
"އެހެންކަމުން މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ބޭނުމަށް ޖަހާފައިވާ ބެނާތަކާއި ކެންވަސްތައް މިއަދުން ފެށިގެން ކުރިއަށް އޮތް އެއް ހަފްތާ ތެރޭގައި ނަގައިދިނުމަށް މި ކޯޕަރޭޝަނުން އެދެމެވެ." އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގެ ބުރިޖުން ފައިބާ ސަރަހައްދާއި ބުރިޖަށް އަރާ ސަރަހައްދާއި ފޭސް ދޭއްގެ ބުރިޖުތަކާ ދިމާލުގައި ވަރަށް ގިނަ ކެންޑިޑޭޓުން ވަނީ ކެންވާތައް ހަރުކޮށްފައެވެ. އަދި ހުޅުމާލޭގެ އެހެން ސަރަހައްދުތަކުގައިވެސް ބެނާތައް ދަމާފައި އެބަހުއްޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު