ޔުނިވަސިޓީއަކަށް ވާނީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ 20 އަހަރު ވުމުންކަމަށް ގާނޫނުގައި އޮތް މުއްދަތު ކުޑަކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެންފިއެވެ. މި ބިލަކީ ރައްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލެކެވެ.

މި ބިލުގައި ޝިފާއު ހުށަހަޅުއްވާފައި ވަނީ ޔުނީވަސިޓީ ރަޖިސްޓްރީ ކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތަކަށް ބަދަލު ގެނައުމަށެވެ.

އެގޮތުން ޔުނިވަސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ ކޮލެޖެއްގެ ގޮތުގައި 20 އަހަރު ދުވަސްވަންދެން ހިންގުމުން ކަމަށް އޮތް ޝަރުތު 15 އަހަރަށް ކުޑަކުރަން ބިލްގައި ވަނީ ހިމަނައިފައެވެ. ކޮލެޖެއް ޔުނިވަސިޓީއަކަށް ބަދަލު ކުރުމަށް އެދޭއިރު އެ ކޮލެޖުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކަށް ބަދަލުގެނައުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

އެގޮތުން އެތަނެއްގައި އާޓް އެންޑް ހިއުމަނިޓީޒް، އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސް އެންޑް މެޑިސިން، ނެޗްރަލް ސަައިންސް، އަދި ސޯޝަލް ސައިންސަސް ފަދަ ދާއިރާތަކުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ ލެވެލް ހަތަކާއި ނުވައެއްގެ މަދުވެގެން ތިން ދާއިރާއަކުން، އެ ކޮލެޖެއްގެ އަމިއްލަ ނުވަތަ ބޭރުގެ ޔުނިވަސިޓީއެއްގެ ޕްރޮގްރާމްތައް ހިންގަން ޖެހޭނެ ކަމަށް ވަނީ ހިމަނައިފައެވެ. އޭގެ އިތުރުން ލެވެލް ހަތަކުން ފެށިގެން މަތީގެ ކޯސްތަކުގައި ކިޔަވަމުން އަންނަ، މަދުވެގެން 1000 ދަރިވަރުން އެތަނެއްގައި ކިޔަވަމުންދާންޖެހޭނެ ކަމަށާއި، ބައިނަަލްއަގްވާމީ ޔުނިވަސިޓީ ރޭންކިން އެއްގައި ބައިވެރިވެ ރޭޓްކުރެވި ނުވަތަ ރޭންކު ކުރެވިފައިވާ ކޮލެޖަކަށްވެސް ވާންޖެހޭނެ ކަމަށް ހިމަނާފައިވެއެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ ޔުނިވަސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެންބަރެއްގެގޮތުގައި މަދުވެގެން ފަސް އަހަރު ހޭދަ ކޮށްފައިވާ ކޮލެޖަކަށްވާން ޖެހޭނެ ކަމަށާއި، ބައިނަލްއަގްވާމީ ފެންވަރުގެ ރިސާޗް މަސައްކަތްތައް ބޭރުގެ ޔުނިވާސިޓީތަކާއި ޖަމާއަތްތަކާއި އެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވާންވާނެ ކަމަށާއި، އެކަޑަމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑަމިކް މުވައްޒަފުންގެ މަދުވެގެން 10 ޕަސެންޓަކީ ޕީއެޗްޑީ ހާސިލްކޮށްށްފައިވާ މުވައްޒަފުންނަށް ވާންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ބިލް މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާކުރުމަށް ބިލް ވަނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވައިފައެވެ.