އަންނަ ޖޫން މަހުގައި ފުލުހުންގެ އިދާރާގެ ސިވިލް މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އާންމުންނަށް މިނިސްޓަރުންނާ ސުވާލުކުރެވޭ ގޮތަށް ކުރިއަށްގެންދާ "އަހާ ފޯރަމް" ގައި މިރޭ މީހަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ ފުލުހުންގެ ހިދުމަތްދޭ އާންމުންނަކީ ވެސް މުހިންމު ބައެއް ކަމަށާއި ފުލުހުންގެ މުސާރައެކޭ އެއްގޮތަށް ސިވިލް މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކުރާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ބަލަނީ ޖޫންމަހުގައި ލިބޭ މުސާރައިގައި އެ ބަދަލު އަންނާނެ ކަމަށް،" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތުގެ ބަޖެޓު ވަނީ އެއްކޮށް ހުސްވެފައި ކަމަށެވެ. އިގުތިސޯދަށް ފައިސާ ވަންނަމުންދާ ވަރަކުން އަދި އިގުތިސޯދީ ހާލަތު ރަނގަވަމުންދާ މިންވަރަކުން، މުސާރަތައް މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފުލުހުންނާއި އަދި ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރަމުންދާ ސިވިލް މުވައްޒަފުންނަކީ ވެސް ރައްޔިތުންނަށް މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދޭ ބައެއް ކަމަށް އިހުސާން ވިދާޅުވިއެވެ. ފުލުހުން ވެސް އަދި ސިވިލް މުވައްޒަފުން ވެސް ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.