އައްޑޫ ސިޓީގެ ޓޫރިޒަމަށް އިންގިލާބީ ބަދަލެއް ގެންނަ ހަންކެޑެ މަޝްރޫއުގެ ދަށުން ހިމެނޭ ބްރިޖުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހަތަރު ލޭންގެ ޑީޓުއާ ލިންކްގެ ބްރިޖްގައި ތާރުއެޅުމުގެ މަސައްކަތް ފެށީ މި މަހު 18ގައި ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ދެ ބްރިޖާއި ތިން އެމްބޭންކްމަންޓްސް ހިމެނޭ ކަމަށެވެ. ލިންކުގެ ދިގުމިނުގައި 1.4 ކިލޯމީޓަރު ހުންނާނެއެވެ. މިއަދާ ހަމައަށް ތާރު އަޅާފައިވަނީ 200 މީޓަރުގައި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގަރާރަކުން ސަރުކާރުގެ ޓުއަރިޒަމް ރިއަލްއެސްޓޭޓް ޑިވަލޮޕްމަންޓް ޕްރޮޖެކްޓް ސަރަހައްދަކަށް ހަންކެޑެ ކަނޑައަޅާފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. ހަންކެޑެގައި ރިސޯޓެއް ތަރައްގީ ކުރަން މިހާތަނަށް ފަސް ފަހަރެއްގެ މަތީން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެކަން ހަގީގަތަކަށް ނުވެ އޮއްވައި ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވްސް ފަންޑު މެނޭޖުނަންޓް ކޯޕަރޭޝަނުން ވަނީ ހަންކެޑެ ތަރައްގީކުރުމަށް އިއުލާނުކޮށް ޑިޒައިންގެ ފޮޓޯތައް އާއްމުކޮށްފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ނުހެދި އޮތް އިންޓަގްރޭޓެޑް ޓޫރިޒަމަށް އައްޑޫ ހަންކެޑެ ތަރައްގީކުރަން ސީއެންއީއީސީ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހުގައެވެ. އެ ކުންފުނިން ހަންކެޑެގައި 1،041 ކޮޓަރި ހެދުމަށް ވަނީ ނިންމައިފައެވެ. އެއީ 2،082 ޓުރީސްޓު އެނދެވެ. ހަންކެޑޭގައި އެއްފަހަރާ 25،000 ޓޫރިސްޓުންނަށް ހިދުމަތް ދެވެން ހުންނާނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ މިމަހު 15ގައެވެ. އައްޑޫގައި ބޭއްވި އެ ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ ބިންގާ އަޅުވައިދެއްވީ ހޯމް މިނިސްޓަރު އިހުސާން އަލީ އަދި ހެންކެޑެ މަޝްރޫއުގެ ކޮންޓްރެކްޓަރު، ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) ވައިސް ޕްރެސިޑެންޓް ޖިން ކިހޯއެވެ.

ހަންކެޑެ މަޝްރޫއުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންގޮސްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.