އަމިއްލަ އުފެއްދުންތަކުގެ ހައްގުތަކުގެ މުއްދަތު 70 އަހަރަށް އިތުރުކުރުމަށްޓަކައި ކޮޕީ ރައިޓްސްއާއި އެއާއި ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސް މިއަދު ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ގަނީ އަބްދުލް ހަކީމު ހުށަހެޅި އެ ބިލުގައި ބުނެފައިވަނީ، މިއީ ގާނޫނުގެ ދަށުން ކޮޕީ ރައިޓްގެ ހިމާޔަތް ލިބޭ އުފެއްދުންތައް ތަފްސީލް ކުރުމާއި، ގާނޫނުގެ ދަށޫން ކޮޕީ ރައިޓްގެ ހައްގަށް އަރައިގަތުންކަމުގައި ނުބެލެވޭ އިސްތިސްނާ ހާލަތްތައް ކަނޑައެޅުމަށާއި، އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާ އާއި ވިޔަފާރި ފައިދާއަކަށް ނުވާގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ލިބިދޭ އިސްތިސްނާ ކަނޑައެޅުމާއި، އެ ގާނޫނުގައި އުފެއްދުމެއްގެ އިގްތިސާދީ އަދި އަހުލާގީ ހައްގުތަކުގެ މުއްދަތުގެ ގޮތުގެ ކަނޑައަޅާފައިވާ 50 އަހަރުގެ މުއްދަތު 70 އަހަރަށް އިތުރުކޮށް ކޮޕީ ރައިޓާގުޅޭ ހައްގުތައް ލިބިދިނުމުގައި ގާނޫނުގައި ހުރި ދަތިތައް ހައްލު ކުރުމަށްޓަކައި، ހުށަހެޅި އިސްލާހެއް ކަމަށެވެ.

މި ބިލުގައި ބުނެފައި ވަނީ، މި ގާނޫނުގެ ދަށުން އުފެއްދުމެއް ހިމާޔަތް ކުރެވޭނީ އެ އުފެއްދުމެއް ހުށަހަޅައިދޭ ގޮތް ނުވަތަ އުފެއްދުމެއްގައި ހިމެނޭ އެއްޗެއްގެ ސަބަބުން ނުވަތަ އެ އެއްޗެއްގެ ފެންވަރަށް ނުވަތަ މަގުސަދަށް ބަލައިގެނެއް ނޫން ކަމަށެވެ. މި ގާނޫނުގެ ދަސުން އުފެއްދުމެއް ހިމާޔަތް ކުރެވޭނީ އެ އުފެއްދުމެއް އުފެއްދީތީ ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގައިވާ ގޮތުން ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން ގުޅިގެން އުފައްދާފައިވާ އުފެއްދުންތަކާއި އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުފައްދާފައިވާ އުފެއްދުންތަކުގެ އިގުތިސާދީ އަދި އަހުލާގީ ހައްގުތައް 70 އަހަރު ވަންދެން މި ގާނޫނުގެ ދަށުން ހިމާޔަތް ކުރެވޭނެއެވެ. ގާނޫނުގައި މިހާރު އެކަމަށް އޮންނަނީ 50 އަހަރުގެ މުއްދަތެކެވެ.

މީގެ އިތުރުން އިތުރު ބޭނުމަކާއެކު އުފައްދާފައި ހުންނަ ފަންނާނީ މަސައްކަތް ފިޔަވައި، ކަލެކްޓިވް އުފެއްދުމާއި އޯޑިއޯ ވިޒުއަލް އުފެއްދުމުގެ އިގުތިސާދީ އަދި އަހުލާގީ ހައްގުތައްވެސް 70 އަހަރުގެ މުއްދަތަކަށް ހިމާޔަތް ކޮށްދެވޭނެ ކަމަށްވެސް ބުނެފައިވެއެވެެ.

އުފެއްދި ފަރާތް ނޭނގޭ ގޮތަށް ނުވަތަ ވަނަމެއްގައި ޝާއިއު ކުރެވިފައިވާ އުފެއްދުމެއް ނަމަވެސް އޭގެ އިގުތިސާދީ އަދި އަހުލާގީ ހައްގުތައްވެސް 70 އަހަރު ވަންދެން ހިމާޔަތް ކުރުމަށް ބިލުގައި ހިމަނާފައިވެއެވެ.

ބިލުގައި ބުނެފައިވަނީ، އިތުރު ބޭނުމަކާއެކު އުފައްދާފައި ހުންނަ ފަންނާނީ މަސައްކަތުގެ އިގުތިސާދީ އަދި އަހުލާގީ ހައްގުތައް ހިމާޔަތް ކޮށްދެވޭނީ އުފައްދާ ތާރީހުން ފެށިގެން 50 އަހަރުގެ މުއްދަތަށް ކަމަށެވެ. މިހާރު އެކަމަށް އޮންނަނީ 25 އަހަރު ދުވަހުގެ މުއްދަތެކެވެ.

މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްދީފައިވާ ހައްގަކަށް ގަސްތުގައި އުނިކަމެއް އަންނާނެ ގޮތަކަށް އަމަލު ކޮށްފިނަމަ ނުވަތަ ކޮޕީ ރައިޓްގެ ވެރިފަރާތައް ގެއްލުންވާނެކަން އެނގިހުރެ އެފަދަ އަމަލެއް ކޮށްފިނަމަ އެ އަމުރެއް ކުރި ފަރާތް އެ ކުރަނީ ކުށެއް ކަމަށް ކަނޑައަޅައި، 50،000 ރުފިޔާ އާއި 300،000 ރުފިޔާގެ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރާނެ ކަމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.