ކަރަންޓާއި ފެން ބޭނުންކުރާ މިންވަރު ރޯދަ މަހު އިތުރުވެ، ބިލުތައް ބޮޑުވާތީ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން، ބިލްތަކުން ޑިސްކައުންޓެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ޑިސްކައުންޓް ދީފައިވާނެ ކަމަށް ސްޓެލްކޯ އާއި ފެނަކައިން މިއަދު ބުނެފިއެވެ.
އާއްމު މަސް މަހަށްވުރެ ގިނައިން ރޯދަ މަހު ކަރަންޓާއި ފެން ބިލަށް ފައިސާ އަރާތީ, ރައީސް މުއިއްޒު ވަނީ އާއްމު މަހެކޭ އެއްވަރަށް ރޯދަ މަހުގެ ކަރަންޓާއި ފެން ބިލު ކެޕް ކުރަން އަންގަވައިފައެވެ.
ނަމަވެސް ރޯދަ މަހުގެ ބިލްތައްވެސް ބޮޑުކަމުގެ ކަންބޮޑުވުން ބައެއް އާއްމުން ދަނީ ކުރަމުންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ޑިސްކައުންޓް ދިން ގިނަ ބިލުތައް ރޯދަމަހުގެ ބޮޑު ބަޔަކާ ދިމާވި ކަމަށެވެ.
"އަޅުގަނޑުމެންވެސް ގަބޫލުކުރަން ބައެއް ކޮންޒިއުމަރުން، ބިލިން ސައިކަލްގައި ފޯލްވެފައި އެބަހުރި. އެއީ ރޯދަ މަސް ތަންކޮޅެއް ކުޑަކޮށް، އެހެން ނަމަވެސް ޖުމްލަކޮށް އަޅުގަނޑުމެން ބަލައިލާ އިރު ގިނަ އަދަދެއްގެ ކޮންޒިއުމަރުންނަށް ބިލު ކުރެވިފައި މިހުރީ ރަނގަޅަށް،" ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ، ބިލްތަކަށް ޑިސްކައުންޓް ދެވިފައި ހުރީ ރަނގަޅަށް ކަމަށް ސްޓެލްކޯއިން ދެކޭ ކަމަށާއި އެގޮތުން 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާނެ ކަމަށެވެ.
ފަހުމީ ވިދާޅުވީ، ރޯދަ މަސް ބައްދަލުވީ ހޫނު ދުވަސްވަރަކަށް ކަމުން، އަދި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންވެސް ކަރަންޓުގެ ހަރަދު ބޮޑުވާ ކަމަށެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ވަމުންދާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ގިނަ ރަށްތަކަށް ކަރަންޓްގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، ޑިސްކައުންޓު ދީފައިވާނީ އާއްމު މަސްތަކުގެ ކެޕް ބަލައިގެން ކަމަށާއި އާއްމު މަސްތައް ބަލާފައިވާނީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ދިން ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.
"ރޯދަ މަހުގެ ބިލް އާއްމު މަހެއްގެ ބިލަށްވުރެ ބޮޑެއް ނުވާނެ" މުއާޒް ވިދާޅުވިއެވެ.
މުއާޒް އިތުރަށް ވިދާޅުވީ، އާއްމު މަހަކަށް ވުރެ ބޮޑު ނުވާތީ އެ ފަހަރުގެ ބިލުން ޑިސްކައުންޓް ނުލިބުނު ފަރާތްތަކުގެ ބިލްތަކަށްވެސް ދިހަ ޕަސަންޓުގެ ޑިސްކައުންޓެއް ދީފައިވާ ކަމަށެވެ.
ފެނަކާ އާއި ސްޓެލްކޯއިން ބުނި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، މިދިޔަ ރޯދަަ މަހުގެ ކަރަންޓް ބިލްތައް ކެޕްކުރުމަށް ބިލްތަކުން ޖުމުލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ވަނީ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު