ދިގު މުއްދަތަށް ހިދުމަތްކުރާ ސިފައިންނަށް ދޫކުރާ ގެދޮރު މިލްކުވާ ގޮތަށް ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްގެ 70 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ގައްސާން މިއަދު ވިދާޅުވީ، ޝަރަފުވެރިކަމާ އެކު ހިދުމަތުން ވަކިވާ ސިފައިންނަށް އަބުރުވެރި ދިރިއުޅުމެއް އުޅުއްވޭނެ މަގު ތަނަވަސް ކޮށް ދެއްވުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެގޮތުން ރައީސް ނިންމަވާފައި ވަނީ ސިފައިންގެ ތެރޭގައި ދިގު މުއްދަތަކަށް ހިދުމަތް ކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލުކުވާނެ ގޮތެއް ހަމަޖައްސަވައި ދެއްވަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހި ސިފައިންގެ ފައުޖަކީ ހުރިހާ ގޮތަކުން ފުރިހަމަ ވަސީލަތަކާއި ތަމްރީނު ލިބިފައިވާ ފައުޖަކަށް ހެދުމަކީ ރައީސް މުއިއްޒުގެ ވަރަށް ބޮޑު ތަސައްވުރެއް ކަމަށެވެ. އޭގެ އިތުރުން ސިފައިންނަށް ފަރުދީ ގޮތުން ބޭނުންވާ ކަންކަން ފުރިހަމަ ކޮށް ދެއްވުމަކީވެސް ރައީސް އިސްކަން ދެއްވާ ކަމެއް ކަމަށެވެ.
"ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެން އަސްކަރީ ނޫން ގައުމަށް ފައިދާވާ އެހެން ދާއިރާތަކުން ވެސް މިސާލަކަށް އިންޖިނިއަރަކަށް ވާން ބޭނުންވާ ކުއްޖެއް އިންޖިނިއަރިން ޑިގްރީއަށް، ޑޮކްޓަރަކަށް ވާން ބޭނުންވާ ކުދިން މެޑިސިންގެ ސްކޮލާޝިޕްގެ ފުރުސަތުތައް ހޯދައިދެއްވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ވަނީ ފަށްޓަވާފައި،" މިނިސްޓަރު ވިދާޅުވިއެވެ.
ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އިމާރާތް ކުރަން ފެށި "ސިފްކޯ ހިޔާ" މަޝްރޫއު ނިންމައި، ސިފައިންގެ އާއިލާތަކާ ތަޅުދަނޑި ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައެވެ.
ސިފްކޯ ހިޔާގެ ތިން ޓަވަރުގައި ހިމެނެނީ ތިން ކޮޓަރީގެ 330 ހައުސިން ޔުނިޓެވެ. މިއިން ކޮންމެ ޔުނިޓެއްގައި 900 އަކަފޫޓާއި 1000 އަކަފޫޓުގެ ޖާގަ ހުރެއެވެ. ސިފްކޯ ފްލެޓް ލިބުން އަހަރުތަކަކަށް ލަސްވުމާއި ފްލެޓަށް ވަންނަން ކުރަން ޖެހުނު ހަރަދު ބޮޑު ކަމުން އަހަރު ދުވަހަށް ކުލި ދެއްކުން ފަސް ކުރުމަށް މި ސަރުކާރުން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު