ތަރައްގީއަށްޓަކައި 24 ގަޑިއިރު މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ފޮނަދޫ ދާއިރާއަށް ވާދަކުރައްވައި އެދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ރައީސް އޮފީގެ ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގައި ހައްދުންމައްޗަށް ލިބުނު ބޮޑު ކާމިޔާބު ފާހަގަ ކުރުމަށް ފޮނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް މުއިއްޒު ފަދަ ވެރިންނަކީ މަދުން ނޫނީ ގައުމުތަކަށް ލިބޭ ބައެއް ނޫން ކަމަށެވެ. އެމަނިކުފާނަކީ ގާބިލް ބޭފުޅެއް ކަމަށާއި ތަޖުރިބާ ހުރި ބޭފުޅެއް ކަމަށާއި އިހްލާސްތެރި ނިޔަތެއް އެމަނިކުފާނުގެ އެބަ އޮތް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން ފަސް ޖެހެންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ކުރަންވީ ކަމަކީ މުއިއްޒު ދެއްކެވި މަގުންހިނގުން ކަމަށްވެސް ވިދާޅުވިއެވެ.

"މިރޭ އަރުވާން އޮތް ޔަގީން ކަމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ހައްދުންމަތީގެ ތަރައްގީއަށް، ފޮނަދޫ ދާއިރާގެ ތަރައްގީއަށް، ހާއްސަކޮށް ފޮނަދޫގެ ތަރައްގީއަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި 24 ގަޑިއިރު މަސައްކަތްކުރުމަށް މިހުރީ ތައްޔާރަށް،"

އަދުރޭ ވިދާޅުވީ، މިވަގުތަކީ މުސްތަގުބަލް ބައްޓަންކުރަންވީ ވަގުތު ކަމަށާއި ގޮތް ނިންމަންވީ ވަގުތު ކަމަށެވެ. އަދި ސިޔާސީ ވިސްނުމަށްވުރެ ބޮޑަށް ރަށުގެ ކުރިއެރުމާއި ތަރައްގީއާ ދޭތެރޭގައި ވިސްނަންވީ ވަގުތު ކަމަށްވެސް ވިދާޅުވިއެވެ.

"ސިޔާސީ ވިސްނުން ދޫކޮށްލައިފައި މި ފަސް އަހަރަކީ ފޮނަދޫގެ ތަރައްގީއަށްޓަކައި ހުރިހާ ފިކުރެއްގެ މީހުން އެއްބައިވެގެން އެއް އަޒުމެއްގައި މަސައްކަތްކުރަންވީ ވަގުތު،"

ފުރަތަމަ ފަހަރަށް ރައީސް މުއިއްޒު މިވަނީ ހައްދުންމަތީގެ ސިޔާސީ ތާރީހު ބަދަލުކޮށްދެއްވާފައިވާ ކަމަށެވެ. މި ދައުލަތް ހިންގަމުން އަންނަތާ 4000 އަހަރު ވެފައިވާ އިރު، ރާއްޖޭގެ އެންމެ މަތީ ފަޑީގައި، ކެބިނެޓްގައި ހައްދުން މަތީގެ ބޭފުޅަކު ދުވަހަކުވެސް ހިމެނިފައެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

"ނަމަވެސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެލުލަވައިލި ކެބިނެޓްގައި އެންމެ ބާރުގަދަ ދެ ވަޒީރުންގެ ގޮތުގައި ތިއްބެވީ ފޮނަދޫ ދެބޭފުޅުން، އެއީ ފައިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު އާއި ޓޫރިޒަމް މިނިސްޓަރު (އަދުރޭގެ ދަރިފުޅު) އިބްރާހިމް ފައިސަލް އަދި އޭގެ އިތުރުން ކޮންމެސް ހިސާބެއްގައި އަޅުގަނޑުވެސް އެބަ ލައްވާލައި،"

އެހެންކަމުން މުއިއްޒުގެ ސަރުކާރު ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި ފޮނަދުއަށް ވުރެ ވަކިން ބޮޑަށް މަސައްކަތް ކުރަންޖެހޭ ރަށެއް އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.