މަޖިލިސް އިންތިހާބުގެ އެއްވެސް ވޯޓު ފޮއްޓެއް އަލުން ގުނަން ޖެހޭ ސަބަބެއް އަދި ނެތް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ދުވާފަރު ދާއިރާގެ ހުރިހާ ވޯޓު ފޮއްޓެއް އަލުން ގުނައިދިނުމަށާއި ގދ. ތިނަދޫ ދެކުނު ދާއިރާގެ ގައުމީ ޔުނިވާސިޓީ ހޯލްގައި ބެހެއްޓި ފަސް ނަންބަރު ވޯޓް ފޮށި އަލުން ގުނައިދިނުމަށް އީސީގައި އެދިފައިވެއެވެ.

އެކަމާ ގުޅިގެން އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ "ވަން" އަށް މިއަދު ވިދާޅުވީ، ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނައި ދިނުމަށް އެ ދާއިރާއަށް ވާދަކުރެއްވި އަމިއްލަ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާން އެދިވަޑައިގެންފައިވީ ނަމަވެސް އެ ފޮށިތައް އަލުން ގުނަންޖެހޭ ސަބަބެއް ފާހަގަވެފައިނުވާ ކަމަށެވެ.

"އެކަމާ ގުޅޭ ގޮތުން ރަސްމީ ސްޓޭޓްމެންޓެއް މިއަދު ނެރޭނެ،" ޒަކަރިއްޔާ ވިދާޅުވިއެވެ.

މަޖިލީހުގެ އިންތިހާބުގެ ދުވާފަރު ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ހަތަރު ވޯޓުގެ ތަފާތުން އެ ދާއިރާ ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަލީއެވެ. ވަގުތީ ނަތީޖާގައިވާ ގޮތުން މުހައްމަދު އަލީއަށް ލިބިވަޑައިގަތީ 1074 ވޯޓެވެ. އަމިއްލަ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާނަށް ލިބިވަޑައިގަތަކީ 1070 ވޯޓެވެ.

އީސީން ވަނީ ގދ. ތިނަދޫ ދެކުނު ދާއިރާގެ ވޯޓު ފޮށިވެސް އަލުން ގުނަން ޖެހޭ ހާލަތެއް ނެތް ކަމަށް ބުނެފައެވެ.