އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް އެއް އަމާޒަކަށް ނުދެވޭނެ ކަމަށާއި ފެންނަނީ އެ ޕާޓީ އަދިވެސް ބަލިކަށިވާ މަންޒަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުރަހީމް އަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ޗެއާމަންކަންވެސް ކުރައްވާ އަބްދުއްރަހީމް ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރުގައި ރޭ ވިދާޅުވީ، އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ނާކާމިޔާބެއް ކުރިމަތިވީ، ގައުމަށް ވުރެ އަމިއްލަ މަސްލަހަތު އިސްކުރުމާއި ގާބިލުކަން ނެތުމުން ކަމަށެވެ.

މަޖިލިސް އިންތިހާބުގައި ބޮޑުސުޕަ މެޖޯރިޓީއެއް ހޯދީ ޕީއެންސީންނެވެ. މިހާރު މަޖިލީހުގެ މެޖޯރިޓީއެއް އޮތް އެމްޑީޕީއަށް ލިބުނީ 12 ގޮނޑިއެވެ.

"އަޅުގަނޑަކަށް މިހާރު ނުފެނޭ އަސްލު އެމްޑީޕީއެއް. އެއީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު މައިގަނޑު ސަބަބަކީ" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، އޭނާއަށް ފެންނަނީ އަދިވެސް އެމްޑީޕީ ބަލިކަށިވެ، ބައިބައިވާ މަންޒަރު ކަމަށެވެ.

"އަޅުގަނޑަށް ހިއެއް ނުވޭ ފައްޔާޒާ އަބްދުﷲ ޝާހިދާ ދެބޭފުޅުންނަށް އެއް އަމާޒަކަށް ވާދަކުރެއްވޭނެ ކަމަށް. އެއީ ދެ ބޭފުޅުން ވެސް މި ބޭނުންވަނީ އެއް އަމާޒަކަށްދާން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، އެމްޑީޕީއަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި މާ ބޮޑު ދައުރެއް އަދާކުރެވޭނެ ކަމަށް ގަބޫލު ކުރެވޭނެ ކަމަށާއި އެމްޑީޕީގެ އަސްލާ ހަމައަށް ވާސިލްވުމަށް ޒަމާންތަކެއް އަދި ނަގާނެ ކަމަށެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، އެމްޑީޕީއަށް ރިފޯމެއް އަންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.