މިދިޔަ އާދީއްތަ ދުވަހު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިގެން ދިއުމުން، ދިވެހި ތިބިގޮތް ބޭރު ދުނިޔެއަށް މިހާރު ޔަގީންވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ ފަހުރުވެރި އަދި މިނިވަންކަމަށް ލޯބިކުރާ ބައެއް ކަމާއި، ދިވެހިން ބޭނުންވަނީ ދިވެހިންގެ ކަންކަން ދިވެހިން ބޭނުންވާ ގޮތަށް ކުރަންކަން ބޭރުގެ ފަރާތްތަކަށާއި ވަކި އެޖެންޑާއެއްގައި މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކަށް މިހާރު ސާފުވާނެ ކަމަށެވެ.

"ރާއްޖޭގެ މިކަންކަން ބަލަން ތިއްބެވި ބޭރު ދުނިޔޭގެ އެކި ބޭފުޅުންނަށް ވެސް މިހާރު ވަރަށް ސާފުވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑަށް ވަރަށް ޔަގީންވޭ ދިވެހި ލޮބުވެތި ރައްޔިތުން ބޭނުންވަނީ ކޮން ގޮތެއްކަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންތިހާބު މިހާރު ނިމިފައިވާތީ ސިޔާސީ ހިޔާލުތަފާތުވުންތައް ދެން ދޫކޮށްލައި، ގައުމައިގެން ކުރިއަށްދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މި ގައުމު ތަރައްގީކޮށް ކުރިއަށް ގެންދިއުމަކީ އެންމެންގެވެސް ފަހުރަކަށް ހަދަންޖެހޭ ކަމަށާއި އެންމެން އެކުވެރިކަމާއެކު ކުރިއަށް ދިއުމުން އެންމެންވެސް ތިބޭނީ އުފަލުގައި ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މާޒީއަށް މާޒީ ދޫކޮށްލުމަށްފަހު މިއަދު އަޒުމް ކަނޑައަޅަންވީ ދިވެހި މުޖުތަމައުގެ ތެރޭގައި އެކުވެރިކަން އާލާކޮށް ގައުމު އާރާސްތުކޮށް، ގައުމުގެ މުސްތަގުބަލު އުޖާލާކުރުމަށް ކަމަށާއި އާއިލާތައް ބަދަހިކޮށް، އެކުވެރިކަމާއި އަވަށްޓެރި ގުޅުން އާލާކޮށް، އިސްލާމް ދީނަށް ނަސްރު ދިނުމުގެ އަޒުމް އާކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ މިނިވަންކަން ޔަގީންކުރުމުގެ އަޒުމް، ކޮންމެ މީހަކު ގައުމު ދެކެ ފަހުރުވެރިވުމުގެ އަޒުމް އާކުރަންވީ،" ރައީސް ވިދާޅުވިއެވެ.