އެންމެންގެ އަޒުމަކަށް ހަދަންވީ ކުރީ ޒަމާނެއްގައި ރާއްޖޭގައި އޮތް އަވަށްޓެރިކަމާއި އެކުވެރިކަން އަލުން އިޔާދަކޮށް ހަގީގީ މާނައިގައި ހަމަޖެހުން ގެނައުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވީ އިސްލާމް ދީނަށް ނަސްރު ދިނުމުގައި ހިތްވަރު އާކޮށް، ގައުމުގައި އިސްލާމީ ނޫރު އިތުރަށް ގުގުމައި ވިދާނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި ދިވެހި ދަރީންނަކީ އިސްލާމް ދީނުގައި ފައިތިލަ ސާބިތުކޮށްގެން ބޮޑުވާ ކުދިންނަށް ހެދުމަށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ މާތްވެގެންވާ އަހުލާގެއް ލިބިގެންވާ ބައެއް ކަމުގައިވެ، އެކަކު އަނެކަކަށް އަޅާލައި، އޯގާތެރިވެ، އެކުވެރިކަން އާލާކޮށް، އަޅުގަނޑުމެންގެ މި މުޖުތަމައުއަކީ ތަންކޮޅެއް ކުރީ ޒަމާނެއްގައި މި ދިވެހި މުޖުތަމައުގައި އޮތް އަވަށްޓެރިކަމާއި އެކުވެރިކަން އަލުން އިޔާދަކޮށް އަޅުގަނޑުމެންގެ ތެރޭގައި ހަގީގީ މާނައިގައި ހަމަޖެހުން ގެނައުމުގެ އަޒުމް އާކުރަންވީ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މާޒީއަށް މާޒީ ދޫކޮށްލުމަށްފަހު ބިސްމިނުގެ ބަރަކާތުން މިއަދު އަޒުމް ކަނޑައަޅަންވީ ދިވެހި މުޖުތަމައުގެ ތެރޭގައި އެކުވެރިކަން އާލާކޮށް ގައުމު އާރާސްތުކޮށް، ގައުމުގެ މުސްތަގުބަލް އުޖާލާކުރުމަށް ކަމަށާއި އާއިލާތައް ބަދަހިކޮށް، އެކުވެރިކަމާއި އަވަށްޓެރި ގުޅުން އާލާކޮށް، އިސްލާމް ދީނަށް ނަސްރު ދިނުމުގެ އަޒުމް އާކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ މިނިވަންކަން ޔަގީންކުރުމުގެ އަޒުމް، ކޮންމެ މީހަކު ގައުމުދެކެ ފަހުރުވެރިވުމުގެ އަޒުމް އާކުރަންވީ،" ރައީސް ވިދާޅުވިއެވެ.