މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އިންތިހާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވައިފިއެވެ.

ނަޝީދު ވޯޓު ލައްވާފައިވަނީ އިސްކަންދަރު ސްކޫލުގައި ހުރި ގަލޮޅު އުތުރު ދާއިރާގެ ފޮއްޓަށެވެ. އެ ފޮއްޓަށް ވޯޓު ލެއްވުމަށްފަހު ނަޝީދު ވަނީ އިންތިހާބުގައި ވީހާވެސް ގިނަ ބަޔަކު ވޯޓުލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މައުމޫން ވޯޓު ލެއްވީ އަމީނިއްޔާ ސްކޫލުގައި ހުރި ވޯޓު ފޮއްޓަކަށެވެ. އަދި ސޯލިހު ވޯޓު ލެއްވީ ޖަމާލުއްދީން ސްކޫލުގައި ހުރި ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށެވެ. ވޯޓު ލެއްވުމަށް ފަހު ރައީސް ސޯލިހު ވަނީ ވޯޓުލުމުގެ ހައްގުގެ ބޭނުން އެންމެ ފުރިހަމައަށް އަދާކުރަން އިލްތިމާސް ކުރައްވައިފައެވެ.

ކުރީގެ ތިން ރައީސުންގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވޯޓު ލައްވައިފައެވެ. އެ މަނިކުފާނު ވޯޓު ލެއްވީ ތާޖުއްދީން ސްކޫލުގައި ހުރި ދެކުނުގެ ވޯޓު ފޮއްޓަށެވެ.